ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވާ ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއް ކަމަށްވާ "އޮޕަރޭޝަން ފްރޮންޓިއަރ+ III" ރަސްމީކޮށް ފަށައިފިއެވެ.
މިއީ ދުނިޔޭގެ އެކި ޤައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގާ ތިންވަނަ ބޮޑު އޮޕަރޭޝަނެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދާ ފްރޮންޓިއަރ+ އެލަޔަންސްގައި ޖުމުލަ 13 ޤައުމެއް ހިމެނެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑް ހިމެނެއެވެ.
ފުލުހުން ވިދާޅުވީ، މި އެލަޔަންސްގެ މައިގަނޑު ބޭނުމަކީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި ތަންފީޒީ އިދާރާތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށްދާނީ މި މަހުގެ 10 އިން މެއި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ހުރިހާ ޤައުމަކުން ވެސް ސްކޭމްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އޮޕަރޭޝަންގެ ނަތީޖާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ މެއި 13 ގައެވެ. އަދި މި އަހަރުގެ އޮޕަރޭޝަންގެ އެންމެ މުހިންމު ހަރަކާތް ކަމުގައިވާ ބައިނަލްއަޤުވާމީ ޕްރެސް ކޮންފަރެންސް މެއި 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައެވެ. މި ބްރީފިންގގައި ޤައުމުތަކުން ހާސިލުކުރި ނަތީޖާތަކާއި، ހައްޔަރުކުރި މީހުންގެ އަދަދާއި ފްރީޒްކުރި ފައިސާގެ ތަފާސްހިސާބުތައް ޢާންމުކުރާނެއެވެ.
މިދިޔަ އަހަރުގެ އޮޕަރޭޝަންގައި ވެސް ދިވެހި ފުލުހުން ވަނީ، ރާއްޖެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. މި އަހަރުގެ އޮޕަރޭޝަނާއެކު ސްކޭމްތަކާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ފުލުހުން އުންމީދު ކުރެއެވެ.