ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލައި ފާސްކޮށް، އެތަންތަނަށް ފިޔަވަޅު އެޅުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާ އެ މަސައްކަތް ފެށީ، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ޕޯޓަލްއެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ހުޅުމާލޭގައި ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި 31 ބިދޭސީއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނަކީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް އެކުލަވާލާފައިވާ "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ. މި ޓާސްކްފޯހަކީ، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މިދިޔަ ނޮވެމްބަރު މަހު އުފެއްދި ޓާސްކްފޯހެކެވެ.
Monitoring activities under the Migration Monitoring & Compliance Program (MMCP) were carried out today in Hulhumalé. During the operation, 31 expatriates were checked, and 2 expats found working illegally were detained.#MMCP #MaldivesImmigration pic.twitter.com/x0uJG2gJaZ
— Maldives Immigration (@ImmigrationMV) March 11, 2026
މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ، ބިދޭސީން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ދެނެގަނެ، އެފަދަ މީހުން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތެވެ. ޚާއްސަކޮށް ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަން ދެނެގަނެ، އެފަދަ ފަރާތްތަކާ މެދު ދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ނިމުނު އަހަރު އެކަނިވެސް އެފަދަ 150 ތަނެއް ބަލައި ފާސްކޮށް، 66 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.
މިއީ، އިމިގްރޭޝަނާއި، ފުލުހުންނާއި އަދި ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ދަނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންނެވެ. މިކަމަށް ޙައްލެއް ގެނައުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ޤަވާއިދާ ޚިލާފަށް އުޅޭ އަދި ޤަވާއިދާ ޚިލާފަށް ދިވެހީންގެ ނިވަލުގައި ތިބެ އެކި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބިދޭސީންގެ މަޢުލޫމަތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު މިހާރުވަނީ ދީފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުޞަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.