ކުޅިވަރު

ބާސެލޯނާގެ ރައީސްކަން ކާމިޔާބު ކުރާނީ ކާކު؟


  • ފޮންޓް ވިދާޅުވަނީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ މެސީ އެނބުރި ގެންނާނެ ކަމަށް

  • ލަޕޯޓާ ވިދާޅުވަނީ އޭނާ އިސްކުރަނީ މީހުންނަށް ވުރެ ބާސެލޯނާ ކަމަށް

  • ފޮންޓް ވިދާޅުވަނީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ މެސީ އެނބުރި ގެންނާނެ ކަމަށް

މިއަދާއި މިރެ އަކީ ސްޕޭނުގެ ބާސެލޯނާ އަށް ބޮޑު ދުވަހެކެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެ ކުލަބުގެ އައު ރައީސަކު ހޮވަން އިންތިހާބު ބާއްވާނެ އެވެ. މި އިންތިހާބުގެ ނަތީޖާ މިރޭ ސާފުވެގެންދާނެ އެވެ. ކުރީ ފަހަރާ ހިލާފަށް މި ފަހަރުގެ އިންތިހާބުގައި ވާދަ ކުރަނީ ދެ ބޭފުޅުންނެވެ. ޖޯން ލަޕޯޓާ އާއި ވިކްޓަރ ފޮންޓެވެ. މީގެ ތެރެއިން އެންމެ ފަހުގެ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް ކަމުގައި ހުންނެވީ ލަޕޯޓާ އެވެ. ސްޕޭނުގެ މަޝްހޫރު ވިޔަފާރި ވެރިޔާ ފޮންޓަކީ އެންމެ ފަހުގެ އިންތިހާބުގައި ވެސް ލަޕޯޓާއާ އެންމެ ގާތުން ވާދަކުރެއްވި ކެނޑިޑޭޓެވެ.

ފޮންޓް ދެކި ލައްވާ ގޮތުގައި ލަޕޯޓާ އަކީ ފާއިތުވެދިޔަ 50 އަހަރު ތެރޭގައި ބާސެލޯނާ ދުށް އެންމެ ގޯސް ރައީސެވެ. ވިދާޅުވީ ވާހަކަ ދައްކަވަން އަނގަ ހުޅުވާ ކޮންމެ ފަހަރަކު ލަޕޯޓާ ހައްދަވަނީ މުޅިން ވެސް ދޮގު ކަމަށެވެ. ލަޕޯޓާއާ ދެކޮޅަށް ފޮންޓް އެންމެ ބޮޑަށް ގެންގުޅުއްވާ ހަތުޔާރަކީ ބާސެލޯނާގެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ ކުލަބުން ދާން ޖެހުނު މައްސަލަ އެވެ. 2021 ވަނަ އަހަރު ލަޕޯޓާ ރައީސް ކަމަށް ވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މެސީ ކުލަބު ދޫކޮށް ދާން ޖެހުނެވެ. އެއީ ސްޕެނިޝް ލީގުން މެސީގެ ކޮންޓްރެކްޓް ރަޖިސްޓަރީ ކޮށް ނުދިނުމުންނެވެ. މިކަމާ ގުޅިގެން ފޮންޓް ވިދާޅުވަނީ މިއީ ލަޕޯޓާ ގަސްތުގައި ކުރި ކަމެއް ކަމަށެވެ. ނަމަވެސް ލަޕޯޓާ މި ވާހަކަ ދޮގު ކުރެ އެވެ.

ރައީސްކަން ލިބިވަޑައިގެންފިނަމަ މެސީ އެނބުރި ބާސެލޯނާ އަށް ގެންނާނެ ކަމަށް ފޮންޓް ވައުދުވެ އެވެ. ވިދާޅުވީ އެންމެ ފުރަތަމަ ވެސް ގުޅުވާނީ މެސީ އަށް ކަމަށެވެ. އަދި ކުލަބުގެ އޮނަރަރީ ރައީސްކަން މެސީ އަށް ދިނުމަށް ގަވާއިދުތަކަށް ބަދަލު ގެންނަވާނެ ކަމަށެވެ.

ދެ ވަނަ ވައުދަކީ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވަޑް އާލިން އާލަންޑް ބާސެލޯނާ އަށް ގެނައުމެވެ. އެކަމަށް މިހާރު ވެސް މަޝްވަރާ ފަށައިފިނަމަ ފޮންޓް ވިދާޅުވެ އެވެ. ތިން ވަނަ ކަމަކީ ކޯޗު ކަމުގެ މަގާމަށް މެންޗެސްޓާ ސިޓީގައި މިވަގުތު ހުރި ބާސެލޯނާގެ ކުރީގެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ ގެންނާނެ ވާހަކަ އެވެ. ހަތަރު ވަނަ ކަމަކީ އޭނާ އިންތިހާބު ވެއްޖެނަމަ ސްޕޯޓިން ޑައިރެކްޓަރު ކަމުން ޑެކޯ ވަކިކުރާނެ ވާހަކަ އާއި ކޯޗުކަމުގައި ހަންސީ ފްލިކް ހުންނަން ބޭނުންވާނަމަ އެ ފުރުސަތު ދޭނެ ވާހަކަ އެވެ.

ލަޕޯޓާގެ ރައްދު

ޖޯން ލަޕޯޓާ އަކީ 2003 އިން 2009 އަށް ބާސެލޯނާގެ ރައީސްކަން ކުރި ބޭފުޅެކެވެ. ތިން ވަނަ ދައުރަކަށް ކެމްޕޭން ކުރައްވަމުން ލަޕޯޓާ ވިދާޅުވަނީ ފޮންޓަކީ އެއްވެސް ޕްލޭނެއް ނެތް ބޭފުޅެއް ކަމަށާއި އޭނާ އަށް ރައީސްކަން ދީފިނަމަ ކުލަބުގެ ހަލާކުގެ ތެރެއަށް ވެއްޓިދާނެ ކަމަށެވެ. މިކަމުގެ ހެއްކަކަށް ލަޕޯޓާ ދައްކަވަނީ ފޮންޓަށް ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ތާއީދު ކުރެއްވުމެވެ. ބާޓޮމެއު އަކީ ބާސެލޯނާގެ މާލީ ހާލަތު އަޑިގަޑެއްގެ ތެރެއަށް ވައްޓާލުމުގެ ސަބަބުންނާއި ކޮރަޕްޝަނުގެ ތުހުމަތުގައި 2021 ވަނަ އަހަރު ރައީސް ކަމުން އިސްތިއުފާ ދެއްވަން މަޖުބޫރުވި ބޭފުޅެކެވެ. މިހެންވެ ލަޕޯޓާ ވިދާޅުވީ ފޮންޓްގެ ފަހަތުގައި ތިއްބެވީ ފަސްބައި ސާފު ބޭފުޅުން ނޫން ކަމަށެވެ.

ލަޕޯޓާއާ ދެކޮޅަށް އެންމެ ބޮޑަށް ފާޑުކިޔަމުންދަނީ ފޮންޓްގެ ގާތް އެކުވެރިޔާ އަދި ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި ކޯޗު ޒަވީ ހަނާންޑޭޒެވެ. އޭނާ ބުނީ މެސީ އަލުން އަންނަން ބޭނުންވުމުން އެކަން ނުކުރީ ވެސް ލަޕޯޓާ ކަމަށެވެ. އަދި އޭނާ އަށް ހެދީ މުޅިން ވެސް ދޮގު ކަމަށާއި ލަޕޯޓާގެ ގާތް މީހުން މެދުވެރިކޮށް، ހަގީގަތް އޮޅުވާލި ކަމަށެވެ.

ނަމަވެސް ދިފާއުގައި ލަޕޯޓާ ވިދާޅުވީ މެސީ އަލުން 2003ގައި ނުގެނެވުނީ އޭރު ވެސް މާލީ ހާލަތު ތަންނުދޭތީ ކަމަށެވެ. އެކަން މެސީގެ ބައްޕައާ ވެސް ހިއްސާ ކުރި ކަމަށާއި ޒަވީ އަށް އަމިއްލަ ޒާތީ ދިރިއުޅުމާއި ކޯޗެއްގެ ޒިންމާ އެކުއެކީގައި އަދާ ކުރުމުގައި ޕްރޮފެޝަނަލްކަން ނުދެއްކުނު ކަމަށެވެ. އަދި ޒަވީގެ ވާހަކަތައް ހުރީ ދެ ފަހަރު ދެ ގޮތަށް ކަމަށާއި ޒަވީ އަށް ކާމިޔާބު ނުހޯދުނު ކުޅުންތެރިންނާއެކު ފްލިކް ކާމިޔާބު ހޯދަމުން ދިއުމަކީ އޭގެ ހެއްކެއް ކަމަށެވެ.

މީގެ އިތުރުން ލަޕޯޓާ ވިދާޅުވީ މެސީއާ ގުޅުވައިގެން ޒަވީ ދެއްކި ވާހަކަތައް ސްޕެނިޝް ލީގުން ދޮގު ކުރުމާއި ހާލަންޑާ ގުޅޭ ގޮތުން ފޮންޓް ދެއްކެވި ވާހަކަތައް ސިޓީ އާއި ކުޅުންތެރިިޔާގެ އެޖެންޓް ދޮގު ކުރުމަކީ ފޮންޓްގެ ޕްލޭނެއް ނެތް ކަމުގެ ހެކިތައް ކަމަށެވެ.

އަދި އޭނާ ހަވާލުވިއިރު ބާސެލޯނާގެ ދަރަނި އެއް ބިލިއަން ޔޫރޯއާ ގާތްކުރި ނަމަވެސް މިހާރު އެ އަދަދު 400އާ ގާތަށް ކުޑަކޮށް މުސާރަ އަށް ކުރާ ހޭދަ ކުޑަކުރެވި ބާސެލޯނާގެ ކޭމްޕް ނޯ ތަޅާލައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވުމަކީ ބޮޑު ކާމިޔާބީ އެއް ކަމަށެވެ. އަދި އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ ކުޑަ އައު ސްޓޭޑިއަމެއް ވެސް ތަފާތު ބޭނުންތަކަށް ބިނާ ކުރައްވާނެ ކަމަށެވެ.

ކުރީ ފަހަރެކޭ ވެސް އެއްފަދައިން މި ފަހަރުގެ އިންތިހާބު ވެސް ކާމިޔާބު ކުރުން ގާތް ކަމަށް ގިނަ ބަޔަކު ލަފާ ކުރަނީ ލަޕޯޓާ އެވެ. ނަމަވެސް މި އިންތިހާބު ކުރީ ފަހަރަށްވުރެ ވާދެވެރިވާނެ ކަމަށް އެންމެން ވެސް ޔަގީން ކުރެ އެވެ.