ކައުންސިލް އިންތިޚާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގަނީ އެތައް ގުނައެއް ޚަރަދު ކުޑަވާނެތީ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ، ދުސްތޫރީ އެހެން މައްސަލަތައް ބާއްވާފައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް އަވަސް ކުރުމަށް ސަރުކާރުން ގެންގުޅޭ އެޖެންޑާ ސާފުކޮށް ބުނެދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރި ކަމަށާއި، އެކަންކަން އިޞްލާޙު ކުރަންޖެހޭކަން އެއީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެއް ކަމަށެވެ. އެކަންކަން އިސްލާޙު ކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ޤާނޫނު އަސާސީއަށް 3 އިސްލާޙެއް ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ، ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަށް ނިންމާފައިވަނީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ގެނައުމަށް ކަމަށެވެ.
މި އިސްލާޙުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާޙުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފުކަން ފާހަގަކުރައްވައި ބަންޑާރަނައިބު ވިދާޅުވީ، ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިޞްލާޙުތަކުގެ ތެރެއިން، އެ އިސްލާޙަކީ، އެއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ޤާނޫނު އަސާސީން ލާޒިމްކުރާ އިސްލާޙަކަށްވާތީ ކަމަށެވެ. އަދި ޤާނޫނު އަސާސީއަށް ދެން ގެންނަންޖެހޭ އިޞްލާޙުތަކަކީ، އެއަށް ޢަމަލު ކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނު އަސާސީ ލާޒިމް ކުރާ އިޞްލާޙުތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރިކަމާއި، އެކަންކަން އިޞްލާޙުކުރަންޖެހޭކަން އެއީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެއް. އަދި އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޤާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް… https://t.co/rkdbNv7sxv
— Ahmed Usham (@a_usham) March 15, 2026
ލޯކަލް ކައުންސިލް އިންތިޚާބަށް މުޅި ރާއްޖެ ތައްޔާރުވަމުންދާ ވަގުތު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ޚަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމެއްކަންވެސް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އަދި މުޅި ރާއްޖޭގައި އެފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ މަދުވެގެން 80 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށާއި، ކައުންސިލް އިންތިޚާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމަށް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވިދާޅުވީ، ޤާނޫނު އަސާސީއަށް ދެން ގެންނަން ބޭނުންވާ އިޞްލާޙުތައްވެސް މާ ލަސްތަކެއް ނުވެ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މިހާރު ހިނގަމުންދަނީ، އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށްވެސް ވިދާޅުވިއެވެ.
އަންނަ މަހުގެ 4ވަނަ ދުވަހު ބާއްވާ ވޯޓުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވީ، ޤާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާޙު ތަސްދީޤު ކުރުމާ ގުޅޭގޮތުންނެވެ. އެ އިސްލާޙުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތީޚާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ވަނީ ފާސްކޮށްފައެވެ.