އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅެ ހޯދުނު ޕޮއިންޓާމެދު މުޅި ޓީމުވެސް އޮތީ އުފަލުންކަމަށް، ރެލިގޭޝަނާ ހަނގުރާމަކުރަންޖެހުމުގެ ބިރު އޮތް ޓޮޓެންހަމް ހޮޓްސްޕަރގެ ކޯޗު އިގޯ ޓޫޑޯ ބުނެފިއެވެ.
އާދިއްތަ ދުވަހުގެރޭ ލިވަޕޫލްގެ ދަނޑުގައި ކުޅެ، ފަހުވަގުތު ރިޗާލިސަން ޖަހައިދިން ލަނޑާއެކު ޓޮޓެންހަމް އިން ވަނީ ލިވަޕޫލާ 1-1 އިން އެއްވަރުކޮށްފައެވެ.
މި މެޗުން އެއްވަރުވެ ހޯދުނު ޕޮއިންޓާއެކު ލިބުނު ހިތްހަމަޖެހުމާއެކު ވާހަކަދައްކަމުން ޓޫޑޯ ބުނީ، މި ނަތީޖާއިން ލިބޭ ހިތްހަމަޖެހުމުގެ އިތުރުން ކުޅުންތެރިން މެޗުގައި ދެއްކި ހިތްވަރާއި މޮޅު ކުޅުމާމެދު ވެސް ނުހަނު ފަޚުރުވެރިވާ ކަމަށެވެ.
އަނިޔާއާއި އެހެނިހެން ބައެއް ސަބަބުތަކާހުރެ ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ހާލުވެސް، ލިވަޕޫލާ ދެކޮޅަށް ނުކުތް ޓޮޓެންހަމްގެ ހުރިހާ ކުޅުންތެރިން ވެސް ޓީމެއްގައި ގޮތުގައި، ގުޅިގެން ކުރި މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއްކަމަށް ޓޫޑޯ ބުންޏެވެ.
އަދި މެޗުން ޕޮއިންޓެއް ހޯދުނީ، ރެފްރީގެ ފަހު ކަށިގަނޑާ ހަމައަށް، އުއްމީދު ކަނޑާނުލައި ޓީމެއްގެ ގޮތުގައި، މެޗުން ބަލިނުވެ ސަލާމަތްވެވޭނެކަމުގެ ޔަގީންކަމާއެކު ދެއްކި ސާބިތުކަމާއި މޮޅު ކުޅުމުގެ ސަބަބުންކަމަށް، ފަޚުރުވެރިކަމާއެކު ޓޫޑޯ ބުންޏެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މެޗުން ހޯދުނު ޕޮއިންޓު ވެގެންދިޔައީ، ރެލިގޭޝަން ޒޯނުން ސަލާމަތްވެ އޮތުމަށް ޓޮޓެންހަމް ކުރަމުން އަންނަ މަސައްކަތުގައި ބޮޑު ހިތްވަރެއް ލިބިގެންދިޔަ ކަމަކަށެވެ.
ލީގު ތާވަލުގައި ޓޮޓެންހަމް މިވަގުތު އޮތީ ކުޅުނު 30 މެޗުން 30 ޕޮއިންޓާއެކު 16 ވަނައިގައެވެ. ރެލިގޭޝަން ޒޯނުގައި ޓޮޓެންހަމްއާ އެންމެ ކައިރިން، 18 ވަނައިގައި އޮތް ވެސްޓްހަމްއަށް 30 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.