ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި މަރުވާ ޢާއްމުންގެ އަދަދު އިތުރުވުމާއި ގުޅިގެން އދ.އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމުގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިވެފައިވާކަމަށް އދ.އިން ބުނެއެވެ.
ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ޙައްލެއް ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޞުލްޙައިގެ ވާހަކަތައްވަނީ ނާކާމިޔާބުވެފައެވެ. އަދި، އެ ޤައުމުގެ އެކި ހިސާބުތަކުގައި ހަމަނުޖެހުންތައްވަނީ އިތުރުވެފައެވެ. މިދިޔަ އޮގަސްޓު މަހަށް ބަލާލާއިރު، ސަރުކާރު ފައުޖުތަކާއި އިދިކޮޅު ފަރާތްތަކާއި ދެމެދު ހިނގި ހަމަލާ ބަދަލުކުރުންތަކުގައި ގިނަ އަދަދެއްގެ ބަޔަކުވަނީ މަރުވެފައެވެ. މީގެތެރޭގައި ގިނަ ޢަދަދެއްގެ ޢާއްމުންވެސް ހިމެނެއެވެ.
img:http://s3.psmnews.mv/images/660x400/14747008510540.jpg|ޔަމަނުގައި ހަމަލާ ބަދަލުކުރަމުންދާ ސަރަހައްދެއް- ފޮޓޯ: ޒިންހުއާ
އިންސާނީ ޙައްޤުތަކާއިބެހޭ އދ.ގެ އިދާރާގެ ތަރުޖަމާނު ސެސިލް ޕުޔީ ވިދާޅުވީ، ޔަމަނުގެ ޞުލްޙައިގެ ވާހަކަތައް ނާކާމިޔާބުވި ހިސާބުން ފެށިގެން، އެ ޤައުމުގެ ދާޚިލީ ހަނގުރާމައިގައި މަރުވެފައިވާ ޢާއްމުންގެ އަދަދު އިތުރުވެފައިވާކަމަށާއި، މިއީ ކަންބޮޑުވާ ކަމެއްކަމަށެވެ. މި ގޮތުން އޮގަސްޓު މަހު އެކަނިވެސް، ތަފާތު އެކި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 180 އަށް ވުރެ މައްޗަށް އަރާކަމަށާއި، ޒަޚަމްވެފައިވާ މީހުންގެ އަދަދު 260 އަށް އަރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ، އޭގެ ކުރީ މަހާ އަޅާބަލާއިރު، 40 އިންސައްތަ އިތުރު އަދަދެކެވެ. ޖުލައި މަހު، މި ހަނގުރާމައިގައި 60 ޢާއްމުން މަރުވެ، 123 މީހުން ޒަޚަމްވެފައިވާކަމަށް އދ.އިން ބުނެއެވެ.
މީގެ އިތުރުން، ޢާއްމުން އުޅޭ ސަރަޙައްދުތަކަށް ދޭ ހަމަލާތައްވެސް އިތުރުވެފައިވާކަން ސެސިލް ޕުޔީ ފާހަގަކުރެއްވިއެވެ. އޮގަސްޓު މަހުގެ ތެރޭގައި ދީފައިވާ ތަފާތު ޙަމަލާތަކުގެ ތެރެއިން 41 ޙަމަލާއެއް ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ޢާއްމުންގެ ގެދޮރާއި، މާރުކޭޓު ފަދަ ތަންތަނަށް ޢަމާޒުވެފައިވެއެވެ.
img:http://s3.psmnews.mv/images/660x400/14747008510540.jpg|ޔަމަނުގައި ހަމަލާ ބަދަލުކުރަމުންދާ ސަރަހައްދެއް- ފޮޓޯ: ޒިންހުއާ
މީގެ އިތުރުން، އިދިކޮޅު ހޫޘީ ޖަމާޢަތާއި ދެކޮޅަށް ގުޅިފައިވާ ޢަރަބި ޤައުމުތަކުގެ ލަޝްކަރުން ދީފައިވާ ވައިގެ ޙަމަލާތަކެއްގައި ޢާއްމުންގެ 26 މީހުން މަރުވުމާއި ގުޅިގެން، އދ.އިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހޫޘީންނާ ދެކޮޅަށް ގުޅިފައިވާ ޢަރަބި ޤައުމުތަކުގެ ލަޝްކަރުން އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވަނީ މާރޗް މަހުގައެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމުގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިވެފައިވާކަމަށް އދ.އިން ބުނެއެވެ. މި ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވާ ޢާއްމުންގެ އަދަދު މިހާރުވަނީ ދިހަ ހާހަށްވުރެ މައްޗަށް އަރާފައެވެ. އަދި، މާރޗް މަހުން ފެށިގެން މިހާތަނަށް ދީފައިވާ އެކި ޙަމަލާތަކުގައި ޒަޚަމްވެފައިވާ ޢާއްމުންގެ އަދަދު 6900 އަށް އަރައެވެ.