ކުޅުދުއްފުށި ސިޓީ ހިމެނޭހެން 7 ރަށެއްގައި ގާއިމުކޮށްފައިވާ 11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުއަކީ ދިވެހިރާއްޖެއިން އިޢާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.
ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓައިގެން، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި މަޝްރޫޢުތަކުގެ އެންމެ ބޮޑު އެއް މަޤުސަދެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދިގުދެމިގެންދާނެ ތަރައްގީއަށް މަގުފަހިވެ، ޤައުމުގެ އިޤްތިސާދަށްވެސް ފައިދާކުރާނެ ކަމަށް ވިދާޅުވިއެވެ.
"ޕަވަރ ޕަރޗޭސް އެގްރީމަންޓް"ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ހުރީ އޮޕަރޭޝަނަށް ގެނައުމުގެ އެންމެ ފަހުގެ މަރުހަލާގައިކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، ވަކި އީ.ޕީ.ސީ ކޮންޓްރެކްޓްތަކެއްގެ ދަށުން ކުރިއަށްދާ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްގެ މަސައްކަތްތައް ވެސް މި ހަތް ރަށުގައި ކުރިއަށް ދާކަމަށް ތިމާވެއެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ކުޅުދުއްފުށި ހިމެނޭހެން މި މަސައްކަތް ކުރަމުންދަނީ ބ. އޭދަފުށި، ޅ.ހިންނަވަރު، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑު އަތޮޅު ހުޅުދޫއާއި މީދޫގައެވެ.
މީގެ އިތުރުން އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ހިއްސާ ހިމެނޭ މި އިންވެސްޓްމަންޓްތަކަކީ އެވުޒާރާގެ ތަންފީޒުކުރަމުންދާ "އެސްޕަޔަރ" އަދި "އެރައިޒް" މަޝްރޫއުގެ ބައެކެވެ. މި މަޝްރޫއުތަކުގެ ދަށުން ރާއްޖޭގެ 21 ރަށެއްގައި 43 މެގަވޮޓްގެ ސޯލާ ޕީވީ އާއި 40 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ގާއިމުކުރުމުގެ އިތުރުން، ކަރަންޓު ވިއުގަ ތަރައްގީކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ޕްރި ޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން، ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމް މިހާތަނަށް 100 އަށްވުރެ ގިނަ ރަށުގައި ވަނީ ޤާއިމްކޮށްފައެވެ. ޕޮއިސްޑް ނުވަތަ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް" ޕްރޮގްރާމަކީ، ދިވެހިރާއްޖެ ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށް ކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ.
މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ، 2028 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުންކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.