ޚަބަރު

ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވެ އަނދަނީ


  • ސިފައިން ދަނީ ހަރަކާތްތެރިވަމުން

  • ރޯވެފައިވަނީ ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި

ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ، ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައެވެ. އެއީ ވަރަށް ހަނި ގޯޅިއެކެވެ. އަލިފާނުގެ ހާދިސާގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. މިވަގުތު އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސެސްގެ ދެ އުޅަނދެއް ބޭނުންކޮށްގެންނެވެ.

މި ގެއަކީ 3 ފަންގިފިލާއަށް ހަދާފައިވާ ގެއެކެވެ. އަދި މިވަގުތު އެ ސަރަހައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުން ކަމާއި ބެހޭ ފަރާތްތަކުން ވަނީ މި ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިގޮތުން އަލިފާން ހިފާފައިވާ ސަރަހައްދަށް ޖަމާނުވުމަށާއި، ބޭރަށް ނިކުންނަ ނަމަ ނޭފަތާއި އަނގަ ނިވާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުން ނޭވާލާން އުނދަގޫވެ، ބޯއަނބުރާނަމަ ސިއްޙީ އެހީތެރިކަން ހޯދުަމަށް ކަމާއިބެހޭ އިދާރާތަކުން ދަނީ އިރުޝާދު ދެމުންނެވެ.