ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި ސޮފްވާން އަހުމަދާއި މެދު ކުރެވޭ ތުހުމަތުތަކާއި ގުޅިގެން 16 މާރިޗުގައި ބޭއްވި ވީއޭއެމްގެ ހާއްސަ އާންމު ޖަލްސާގައި އޭނާ އެ މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.
ވީއޭއެމްގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް އެދި 1 އެޕްރީލް 2026 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް ވީއޭއެމުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ވީއޭއެމުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުގެ 2023 ވަނަ އަހަރު އެކުލަވާލި ހިންގާ ޤަވާޢިދުގެ ދަށުން ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެންބަރުގެ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އެޕްރީލް 11 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ މަގާމަށް މެމްބަރަކު އިންތިހާބުކުރެވޭނީ މިހާރު ހިނގަމުންދާ ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ މުއްދަތަށް ކަމަށެވެ. އެ މުއްދަތު ހަމަވާނީ 1 އެޕްރީލް 2029 އަށެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ އިންތިޚާބީ މަޤާމަކަށް ކުރިމަތިލާނަމަ ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެތެރޭގައި، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުން، އެސޯސިއޭޝަނުގެ މެމްބަރު ކުލަބެއްގެ މެމްބަރެއް ނުވަތަ އެސޯސިއޭޝަނުގެ އަމިއްލަ މެމްބަރަކަށްވުން، ނުވަތަ އެސޯސިއޭޝަންގެ ހިނގަމުންދާ ދައުރުގެ ހިންގާ ކޮމިޓީގެ މެމްބަރަކަށްވުން ހިމެނެއެވެ. އަދި ޖިނާޢީ ޙުކުމެއް ތަންފީޒުކުރަމުންދާ ފަރާތަކަށް ނުވުން، ނުވަތަ އެ ޙުކުމެއް ތަންފީޒުކޮށް ނުވަތަ އެފަދަ ޙުކުމެއް މަޢާފްކުރިތާ 5 އަހަރު ވެފައިވާ ފަރާތަކަށްވުމާއި ބުއްދި ސަލާމަތުން ހުރުން ހިމެނެއެވެ.
ވީއޭއެމްގެ ހިންގާ ކޮމިޓީގައި ހިމެނޭ، ހިންގާ ކޮމިޓީގެ މެމްބަރުގެ މަޤާމަށް ކުރިމަތިލެވޭނީ ވަކި މެމްބަރެއްގެ ގޮތުގައެވެ. ވީއޭއެމް އިން ވަނީ ކުރިން ހިންގާ ކޮމިޓީގައި ހުރި މެންބަރު ސޮފްވާނަށް ފިޔަވަޅު އަޅާ މުޅި އުމުރަށް ވޮލީ ބޯޅައިގެ ހުރިހާ ހަރަކާތަކުން އޭނާ ސަސްޕެންޑް ކޮށްފައެވެ. އަދި ވީއޭއެމްގެ އެއްވެސް މެންބަރު ކުލަބެއްގެ ހިންގާ ކޮމިޓީގައި ސޮފްވާން ހިމެނޭނަމަ އޭނާ އެ މަގާމުން ވަކިކުރުމަށް ވަނީ 60 ދުވަހުގެ މުހުލަތެއް ދީފައެވެ. އަދި އެއްވެސް ކުލަބެއްގެ ހިންގާ ކޮމިޓީގައި އޭނާ ހިމެނޭނަމަ އޭނާ އެ މާގާމުން ވަކިކުރިކަން ބަޔާންކޮށް ކޮމިޝަނަރ އޮފް ސްޕޯޓްގެ އޮފީހުން ދޭ ލިއުމެއް ވީއޭއެމަށް ހުށަހެޅުމަށް ވީއޭއެމުން ވަނީ ކުލަބުތަކަށް އަންގާފައެވެ.
ސޮފްވާނީ މީގެ ކުރިން އަދާކުރަމުން ގެންދިޔައީ ޤައުމީ އަންހެން ވޮލީ ޓީމުގެ ހެޑްކޯޗުގެ މަގާމެވެ.