ޚަބަރު

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ފަށައިފި


  • ޓިކެޓް ވިއްކަނީ ސިޑިބަރިން 15 ރުފިޔާ، ގޮނޑި ބަރިން 25 ރުފިޔާއަށް

  • ދަނޑުން ޓިކެޓް ވިއްކާނީ މަޖީދިމަގު 2 ނަމްބަރު ގޭޓުން

މާޗް 23 ން އެޕްރީލް 03 ގެ ނިޔަލަށް ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.

މެޗުތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އަގުތަކަކީ، ސިޑިބަރި ޓިކެޓް 15 ރުފިޔާ، ގޮނޑި ބަރި ޓިކެޓް 25 ރުފިޔާއަށެވެ. 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާ ތަންތަނަކީ، ގަލޮޅު ދަނޑުގެ ޓިކެޓު ކައުންޓަރާއި، ސޯޝަލް ސެންޓަރުގައެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ މިއަދު އިރު އޮއްސި 18:00 އާއި ހަމައަށް އަދި މިރޭ 20:00 ން 22:00 އާއި ހަމައަށް ޓިކެޓް ވިއްކާނެ ކަމަށެވެ. ގަލޮޅު ދަނޑުން ޓިކެޓް ވިއްކާނީ މަޖީދިމަގު ގޭޓް 2 ންނެވެ.

މިއަދު ޓިކެޓު ވިއްކަން ފަށާފައިވާއިރު މުބާރާތުގައި ވާދަކުރާ ޓީމުތައް މިއަދު ވަނީ ރާއްޖެ އަންނަން ފަށާފައެވެ. އެންމެ ފުރަތަމަ ރާއްޖެ އައީ ސްރީލަންކާ ޓީމެވެ. އިންޑިއާ ފިޔަވާ ހުރިހާ ޓީމެއްވެސް މިއަދު ރާއްޖެ އަންނައިރު އިންޑިއާ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 23 ވަނަ ދުވަހެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. ރާއްޖެއާއި އެއް ގުރޫޕެއްގައި ހިމެނެނީ ސްރީލަންކާއާއި ނޭޕާލް އަދި ބޫޓާނެވެ.

ގްރޫޕް ބީގައި ހިމެނޭނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލްއާއި ބޫޓާން ބައްދަލުކުރާނީ 23 ވަނަ ދުވަހު ހަވީރެވެ. މުބާރާތް ހުޅުވާ މެޗުގައި ދިވެހިރާއްޖެއިން ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށް 23 ވަނަ ދުވަހުގެރެއެވެ.

މުބާރާތުގައި ރާއްޖެއިން ދެވަނަ މެޗު ކުޅޭނީ 25 ވަނަ ދުވަހުގެރޭ، ބޫޓާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 27 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށް ރާއްޖެއިން ނުކުންނާނެއެވެ. ފައިނަލް މެޗު އޮންނާނީ 3 އޭޕްރީލުގައެވެ.