ޚަބަރު

ޕާކިސްތާން ޓީމު މާލެއަށް، ކޯޗުގެ އިތުބާރު ބޮޑު


  • މާލެ އައީ ހޮނިހިރު ދުވަހުގެރޭ

  • ކޯޗު ބުނީ ނަތީޖާ ނެރޭނެ ކަމާމެދު އިތުބާރު އެބައޮތްކަމަށް

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޕާކިސްތާނުގެ ގައުމީ ފުޓުބޯޅަ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެ އައުމަށްފަހު ޓީމު ވަނީ ބާސެލޯ ނަސަންދުރައިގައި ކޭމްޕް ކޮށްފައެވެ. އެންމެ ފަހުން ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނު ޓީމުން ފަހު ވަގުތު މުބާރާތުން ވަކިވީއެވެ.

ޕާކިސްތާނު ޓީމުގެ ކޯޗު ޝެހެޒާދު އަންވަރު ބުނީ ވަރުގަދަ ޓްރޭނިން ކޭމްޕަކަށްފަހު ނަތީޖާ ނެރޭނެ ކަމާމެދު ޓީމަށް އިތުބާރު އެބައޮތް ކަމަށެވެ. ކޯޗު ބުނީ ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަކޮށް ޓްރޭނިންތަކުގައި މަސައްކަތް ކުރިކަމަށާއި ކުޅުންތެރިން ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.

ޕާކިސްތަަނު ޓީމު މާލެ އައުމުގެ ކުރިން ކުޅުންތެރިންނާ ބައްދަލުކޮށް ޕާކިސްތާނު ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސައީދު މޮހޮސިން ގިލާނީ ވަނީ ޓީމަށް ހިތްވަރު ދެއްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ޓީމު ލައްވާލީ އުނދަގޫ ގުރޫޕެއްގައި ކަމަށާއި އެހެންނަމަވެސް ހުރިހާ ކުޅުންތެރިން މަސައްކަތްކޮށްފިނަމަ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މުބާރާތުގައި ޕާކިސްތާނު އޮތީ ވަރުގަދަ ޓީމުތައް ހިމެނޭ ގުރޫޕް ބީގައެވެ. އެ ގުރަުޕުގައި ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް އާއި އިންޑިއާއެވެ. ޕާކިސްތާނުގެ ފުރަތަމަ މެޗުގައި ނިކުންނާނީ މާޗް 24 ވާ ބުދަ ދުވަހު ބަންގްލަދޭޝް އާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި އޭގެ ދެ ދުވަސްފަހުން ނިކުންނާނީ އިންޑިއާއާއި ދެކޮޅަށެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޗެނަލުތަކުން ވަގުތުން ގެނެސްދޭނެއެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮޮންނާނީ 23 މާޗް ވާ ހޯމަ ދުވަހުގެރެއެވެ.