"ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް 2016" ވަރަށް ކާމިޔާބުކަމަށް އެ ކޮންފަރެންސް އިންތިޒާމްކުރި ފަރާތުން ހާމަކޮށްފިއެވެ.
ސަތޭކަ ފަސްދޮޅަހަށްވުރެ ގިނަ ބައިވެރިންނާއެކު ދަރުބާރުގޭގައި ބޭއްވި ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސްގައި ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު އޮންލައިން ޓްރެވަލް އެޖެންސީތައް ކަމަށްވާ ބުކިންގްޑޮޓްކޮމް، އަގޯޑާ، އެކްސްޕީޑިއާގެ އިތުރުން އެމެރިކަން އެކްސްޕްރެސްއާއި އެކްސިސް ރޫމްސްގެ ތަޖުރިބާކާރުން ވަނީ ވާހަކަ ދައްކާފައެވެ.
ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސަކީ ގެސްޓްހައުސް ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަށް އެއްތަނަކުން ބައްދަލުވެވޭނެ މާޙައުލެއް ޤާއިމުކޮށްދީ، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމުގެ މަޤްސަދުގައި ބޭއްވި ކޮންފަރެންސެކެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރެވެ.
ބީއެމްއެލް ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެސް ހުޅުއްވައިދެއްވާ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރު ދެއްކެވިވާހަކަފުޅުގައި ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި ދާއިރާއެއްކަމަށާއި، މި ދާއިރާ ކުރިއަރުއްވަން ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ގެސްޓްހައުސް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން 75 އިންސައްތަ އަކީ ދިވެހިން ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހި އަންހެނުން ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޮންފަރެންސްގެ ކާމިޔާބީ އާއި ގުޅޭގޮތުން ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް އިންތިޒާމްކޮށްފައިވާ ފަރާތްކަމުގައިވާ މޯލްޑިވްސް ގެޓަވޭސްގެ ޑިރެކްޓޮރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ، އަންނަ އަހަރުވެސް މިފަދަ ކޮންފަރެންސްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސްގައި ވަނީ ބައިވެރިންގެ މެދުގައި އަގުހުރި އިނާމްތައް އެކުލެވޭ ލަކީ ޑްރޯއެއް ވެސް ނަގާފައެވެ.
މޯލްޑިވްސް ގެޓަވޭސްއިން ވަނީ 2020 އަންނަންވާއިރަށް ރާއްޖެއަށް 500،000 ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި ރާއްޖޭގެ ގެސްޓްހައުސްތައް ދުނިޔޭގެ އެކި އެކި ފެއަރތަކުގައި އިޝްތިހާރުކުރުމުގެ މަސައްކަތް މޯލްޑިވްސް ގެޓްއަވޭސްއިން އަންނަނީ ކުރަމުންނެވެ.
ދިވެހިރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެ، ކުރިއަރަމުން އަންނައިރު، ރާއްޖޭގައި ތިންސަތޭކައަށްވުރެ ގިނަ ގެސްޓް ހައުސް އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދެއެވެ.