ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 23ވަނަ ދުވަސް ދުނިޔޭގެ މީޓިއޮރޮލޮޖިކަލް ޑޭ ނުވަތަ މޫސުމާބެހޭ ދުވަސް ފާހަގަކުރަނީ 1950ވަނަ އަހަރު ދުނިޔޭގެ މޫސުމާބެހޭ ޖަމުޢިއްޔާ، ޑަބްލިޔުއެމްއޯގެ މަސައްކަތްތައް ފެށުނު ދުވަހާ ގުޅިގެންނެވެ.
މި ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަނީ މޫސުމަކީ ކޮންމެ ޤައުމަކާއި، ކޮންމެ އިންސާނަކާއި، ކޮންމެ ދިރޭއެއްޗަކާވެސް ގުޅިފައިވާ ކަމަކަށްވާއިރު ކުރިއާލައި މޫސުމަށް ކުރާ އަސަރުތައް ދެނެގަނެ އެ އަސަރުތަކުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް އެކި ޤައުމުތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ.
"މިއަދުގެ މޫސުން އޮންނާނީ ކިހިނެތް؟" މިއީ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކު ކުރެވޭނެ ސުވާލެކެވެ. ކަންކަން ރާވާއިރު މޫސުން ކުރިއަށް ލަފާ ކުރާގޮތް އެނގެން ބޭނުންވެއެވެ. ބޭރުގައި ހަރަކާތެއް ބާއްވާނަމަ މޫސުން ގޯސްވުމުގެ ސަބަބުން އެ ހަރަކާތަކަށް ހުރަސް އެޅިދާނެތީ ނުވަތަ ކުރަން އޮތް ދަތުރަކަށް ހުރަސް އެޅިދާނެތީއެވެ. މީގެ އަހަރުތަކެއް ކުރިން ކޮންމެ މީހަކަށް، މި ސުވާލުގެ ޖަވާބު ހޯދަން ދަތިވި ނަމަވެސް މިއަދު އެކަން އޮތީ އެހެނެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ކޮންމެ ވަގުތަކުވެސް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ދުވަހުގެ މޫސުމާއި މޫސުން ކުރިއަށް އޮތް ދުވަސްތަކަށް ލަފާ ކުރެވޭގޮތްވެސް ބަލާލެވެއެވެ.
މޯބައިލް ފޯނާއި ޓީވީ، ރޭޑިއޯތަކުން މިއަދު މި މައުލޫމާތުތައް ފަސޭހައިން ލިބެންހުންނައިރު މިއީ އެތައް ބުރަ މަސައްކަތެއްގެ ނަތީޖާއެވެ. ކަނޑާއި ވައި ނުވަތަ އެއްގަމުގައި ހުއްޓަސް އެއިރެއްގެ މޫސުމާގުޅޭ އެންމެ ފަހުގެ މައުލޫމާތު ސިކުންތެއްގެ ތެރޭގައި ލިބެނީ ޑަބްލިޔުއެމްއޯ މެދުވެރިކޮށް އެކި ޤައުމުތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތުންނެވެ.
އެންމެ އާންމު މީހާގެ ދުވަހުގެ ކަންކަން ބައްޓަން ކުރުމުން ފެށިގެން ބޮޑެތި ނިންމުންތައް ނިންމުން ބިނާވެގެންދަނީ ދުނިޔޭގެ ވަށައިގެން ޖައްވުގައި 24 ގަޑިއިރު ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ސެޓްލައިޓުތަކާއި، މޫސުން ދިރާސާކުރުމަށް ޖައްވަށް ދޫކޮށްފައިވާ "ވެދަރ ބެލޫން"ތަކާއި ކަނޑަށް ދޫކޮށްފައިވާ ކަނދުފަތިތަކާއި ޤައުމުތަކުގެ މޫސުމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ބުރަ މަސައްކަތާއި އެއްކުރާ މައުލޫމާތުތަކަށެވެ.
ޑަބްލިޔުއެމްއޯއިން މިއަހަރުގެ މޫސުމާބެހޭ ދުވަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އޮބްޒަރވިން ޓުޑޭ، ޕްރޮޓެކްޓިން ޓުމޯރޯ" ނުވަތަ މޫސުމާބެހޭ ދިރާސާތަކާއެކު މާދަމާ ރައްކާތެރިކުރުމަށް ކުރަމުން އަންނަ މަސައްކަތަށެވެ. ރިޕޯޓުތަކުން ދައްކާގޮތުގައި 1970ވަނަ އަހަރާއި 2021ވަނަ އަހަރާ ދެމެދު މޫސުމީ އެކި ކާރިސާތަކުގައި ދުނިޔޭގެ އިގްތިސާދަށް 4.3 ޓްރިލިއަން ޑޮލަރުގެ ގެއްލުން ވަނީ ވެފައެވެ. އަދި 2 މިލިޔަނާ ގާތްކުރާ އަދަދަކަށް އިންސާނުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
ވޯލްޑް ބޭންކުގެ ދިރާސާތަކުން ދައްކާގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާއި މޫސުމާ ގުޅުންހުރި ކަންކަން ކުރިއާލައި ދެނެގަނެ ފިޔަވޅު އެޅުމުގެ ސަބަބުން ކޮންމެ އަހަރަކު 13 ބިލިޔަނާއި 22 ބިލިޔަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ސަލާމަތްކުރެވޭނެއެވެ.
މިއަދު މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ ކޮންމެ ޤައުމަކަށްވެސް ވަނީ ތަހައްމަލު ކުރަން ޖެހިފައެވެ. އެކި ޤައުމުތަކަށް މި ބަދަލުތަކުގެ އަސަރު އެކިވަރަށްކުރާއިރު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެފަދަ ޤައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ ޤައުމުތަކެވެ.
ޑަބްލިޔުއެމްއޯގެ ހިސާބުތަކުން ދައްކާގޮތުގައި މި ނިމުނު 2025ވަނަ އަހަރަކީ މިހާތަނަށް އެންމެ ހޫނުގަދަ 3 އަހަރު ތެރެއިން އެއް އަހަރެވެ. އަދި ފާއިތުވެދިޔަ 11 އަހަރަކީ އެންމެ ހޫނުގަދަވި 11 އަހަރެވެ. މީގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ނުރައްކާތެރި ތޫފާންތައް ގިނަވުމާއި ބޯކޮށް ވާރޭވެހުންފަދަ އެތައް ކަމެއް މިއަދު ދުނިޔޭގެ އެކި ޤައުމުތަކަށް ދަނީ ކުރިމަތިވަމުންނެވެ.
މިކަންކަމުން އަރައިގަތުމަށް މޫސުމާ ގުޅުންހުރި ދިރާސާތައް ކުރުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގައި މި މަސައްކަތް ކުރާ ފަރާތަކީ މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރެވެ.
1940ވަނަ އަހަރު ޤާއިމުކުރެވުނު މި ސެންޓަރުން މިއަދު އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން 24 ގަޑއިރު މައުލޫމާތު ނަގައިގެން މޫސުމާގުޅުންހުރި މައުލޫމާތުތައް އެއްކުރަމުންނެވެ. މި މައުލޫމާތު އެއްކުރަމުންދަނީ ރާއްޖޭގެ 5 ސަރަހައްދަކުންނެވެ. އެއީ ހަނިމާދޫ، ހުޅުލެ، ކައްދޫ، ކާޑެއްދޫ އަދި އައްޑޫސިޓީގަމުގައެވެ. މިތަންތަނުގައި މޫސުމީ ގޮތުން ދެނެގަންނަން ޖެހޭ އެކި ކަންކަން ދެނެގަތުމަށް ތަފާތު އެކި އާލަތްތައް ވަނީ ޤާއިމްކުރެވިފައެވެ.
މިމައުލޫމާތުތަކަކީ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ކުރާނެ އަސަރުތައް ކުޑަކުރުމަށާއި ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންމެހެން މުހިންމު މައުލޫމާތުތަކެވެ.
މޫސުމަކީ އަޅުގަނޑުމެން އިގްތިސާދުގެ ހުރިހާ ކަމަކާ ގުޅިފައިވާ އެއްޗެކެވެ. ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމަކީ މޫސުމަށް ބަރޯސާވާންޖެހިފައިވާ އިގްތިސާދީ ހަރަކާތްތަކަށްވާއިރު ކުރިއަށް އޮތް ޖީލުތަކަށް މި ޤައުމު ވާސިލްކޮށްދިނުމަށް ނިންމަންޖެހޭ އިގްތިސާދީ ނިންމުތަކާ ގުޅިފައިވަނީވެސް މޫސުމާ ގުޅުންހުރި މި މައުލޫމާތުތަކެވެ.
އަޅުގަނޑުމެންނަށް އުފާވެރި މާދަމާއެއް ހާސިލްކުރެވޭނީ މިއަދު ދުނިޔޭގެ ތިމާވެށީގެ ހާލަތު ދެނެގަނެވިގެންނެވެ. އެ މައުލޫމާތު އެއް ޤައުމު އަނެއް ޤައުމާ ހިއްސާކޮށް، އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީގެންނެވެ. ޤައުމުތަކަށް މޫސުމީ ބަދަލުތަކުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ އެ ގެއްލުންތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅޭނީ އެކި ޤައުމުތަކުން މޫސުމާ ގުޅިގެން އެއްކުރާ މައުލޫމާތުތަކުގެ އަލީގައި ހަދާ ދިރާސާތަކުންނެވެ.
އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށް މޫސުމީ ދިރާސާއަކީ ކޮންމެ ޤައުމަކަށްވެސް ކޮންމެ މުޖުތަމަޢަކަށްވެސް މަޖުބޫރުވެފައިވާ ކަމަކެވެ.