ޚަބަރު

ދެމަފިރިންގެ ތެރެއިން އެކަކަށް ކުރިމަތިލެވޭ ކެޓަގަރީން 418 ފޯމު


  • މި ފުރުޞަތު ދޭން ނިންމީ ރައްޔިތުންގެ ޚިޔާލަށް ބަލާ، ރައީސުލްޖުމްހޫރިއްޔާ

  • ފޯމު ލުމަށް ހުޅުވާލީ މިމަހުގެ 8ވަނަ ދުވަހު

އަނިބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ހުށައެޅޭ ކެޓަގަރީން، މިހާތަނަށް 400އަށްވުރެ ގިނަ ފޯމު ހުށައަޅާފަވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭ އުސޫލު އާއްމުކޮށް ފޯމު ހުށައެޅުމަށް ވުޒާރާއިން ހުޅުވާލީ މިމަހުގެ 8ވަނަ ދުވަހުއެވެ.

އަނބިމީހާ ނުވަތަ ފިރިމީހާއަށް ކުރިން ބޯހިޔާވަހިކަމެއް ލިބިފައި އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭގޮތަށް ހުޅުވާލާނެކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މިއީ މިހާރު ފްލެޓެއް އޮތްނަމަ، އިތުރު ބޯހިޔާވަހިކަމަކަށް ކުރިމަތި ނުލެވޭތީ އޮތް ޝަކުވާއަށް ޙައްލެއް ހޯދައިދީ، ކޮންމެ އާއިލާއަކީވެސް އަމިއްލަ ގެދޮރު ކަށަވަރުވެފައިވާ އާއިލާއަކަށް ހެދުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމުމެކެވެ. މިކަމަކީ ގިނަ ރައްޔިތުންވެސް އެދެމުންދާ ކަމެކެވެ.

ގޯތި ގެދޮރު" ޕްރޮގްރާމްގައި ހުޅުވާލާފައިވަނީ ހަމައެކަނި ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތަށެވެ. މިކަމަށް ފަހިކުރުމަށް "ގޯތި ގެދޮރު"ގެ ނަމުގައި ހުޅުވާލި ފުރުޞަތަށް މިހާތަނަށް ޖުމުލަ 418 މީހުން ފޯމު ހުށައަޅާފަވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އުސޫލުގެދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތިކަމަށެވެ. މިސްކީމްގައި ހިމެނޭ ދެ ކެޓަގަރީއަކީ މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއެވެ.

މިކަމާ ގުޅޭ އުސޫލާއި، ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލާއި ޕޮއިންޓްދިނުމުގައި ބަލާނެ ކަންކަމުގެ ތަފްސީލްތައްވެސް ގެޒެޓުގައި ވަނީ އާއްމުކޮށްފައެވެ.

ފޯމު ހުށައެޅުމަށް ހުޅުވާލާފަވަނީ އޭޕްރިލް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ.