އަމާޒަކީ މިއަހަރު ނިމޭއިރު ކޮންމެ ރަށެއްގައިވެސް މަދުވެގެން ހަފްތާއަކު ތިން ދުވަހު 45 މިނެޓު ނުވަތަ ގަޑިއެއްހާއިރުގެ ކަސްރަތު ޕްރޮގްރާމެއް ބޭއްވުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިވަގުތު ކުޅިވަރު ވުޒާރާއިން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާ އެއް ކަމަކީ، އަލަށް އުފެދުނު ފިޓްނެސް އެންޑް ރިކްރިއޭޝަން ޑިޕާޓްމެންޓުގެ މަސައްކަތްތައް ބާރު ދުވެލީގައި މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ބަންދު ދުވަސްތަކަކަށްފަހު ސަރުކާރު ހުޅުވުމުން އެ މަސައްކަތް ފަށައިގެންފައިވާ ކަމަށެވެ. އަދި އެޑިޕާޓްމެންޓުން މަސައްކަތް ކުރަމުންދާނީ، "ފިޒިކަލް އެކްޓިވިޓީ" ނުވަތަ ޖިސްމާނީ ހަރަކާތްތެރިކަމުގެ ޕްރޮގްރާމުތައް އެކި ރަށްތަކަށް ފުޅާކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ބޭނުންވަނީ، ކުޅިވަރު ވުޒާރާގެ މުވައްޒަފުންނާއި ރަށްރަށުގައި ތިބޭ އިންސްޓްރަކްޓަރުންގެ އެހީގައި ކަސްރަތް ޕްރޮގްރާމުތަކުގެ މުޅި މުޖުތަމައު ޝާމިލުކޮށްގެން ކުރިޔަށް ގެންދިއުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގައި ދުޅަހެޔޮ ޞިއްޙަތަކަށް، އާދެ ފިޓްނެސް އެންޑް ރިކްރިއޭޝަންގެ ކަންކަން އިތުރަށް ޕްރޮމޯޓް ކުރުމަށް. އެ މުހިންމުކަން އޮތްލެއް ބޮޑުކަމުން ވަކިން ޑިޕާޓްމެންޓެއް މިނިސްޓްރީގައި އުފެދި އެ ޑިޕާޓްމަންޓަށް މިހާރު ވަނީ ސިވިލް ސްޓާފުންވެސް ނެގިފައި." ވަޒީރު ރާފިޢު ވިދާޅުވިއެވެ.
އެހެންކަމުން ބައެއް ސިޔާސީ މުވައްޒަފުންނާއެކު ރަށްތަކުގައި ތިބި ކުޅިވަރު ވުޒާރާގެ ސްޓާފުން ގުޅިގެން "އެ ފިސިކަލް އެކްޓިވިޓީގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައި" ކަމަށް ވަޒީރު ވިދާޅުވިއެވެ. ދުޅަ ހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މި މުހިންމު މަސައްކަތުގެ ދަށުން، މޫދު ކަސްރަތާއި އެއްގައުމުގައި ކުރާ ކަސްތަރު ޕްރޮގްރާމުތައް ހިންގުންފަދަ ކަންކަން ހިމެނެއެވެ.
ފާއިތުވި ދެހަފްތާގައި އެ މަސައްކަތް ވަރަށް ހަލުވި މިނެއްގައި އެކި ރަށްރަށުގައި ކުރިޔަށް ގެންދެވުނު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުން އަންނަނީ ބަލިތަކުން ރައްކާތެރި ދުޅަހެޔޮ ހަށިހެޔޮ ޖީލެއް ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެކި ކަހަލަ ޕްރޮގްރާމްތައް ފަރުމާކުރަމުންނެވެ.
އެގޮތުން އައުޓްޑޯ ޖިމްތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ހުރިހާ ރަށެއްގައި ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް މެދުވެރިކޮށް ކޮންމެ އުމުރެއްގެ މީހަކަށްވެސް ބޭނުންވާ ކަސްރަތާއި ކުޅިވަރުތައް ކުޅެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުގެ ބަޖެޓުން މިއަހަރުވެސް ބޮޑު ހޭދައެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.