މިއަހަރު ތެރޭގައި ބާއްވާ ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމަށް، ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރި ކަމަށް ކުރިމަތިވެދާނެ އަސަރުތައް ދެނެގަނެ، އެކަންކަމަށް ދުރާލާ ތައްޔާރުވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާޢަތް ހިމާޔަތްކޮށް ވަރުގަދަ ކުރުމަށްޓަކައި އަޅަންޖެހޭ ސްޓްރެޓީޖިކް ފިޔަވަޅުތައް އެޅުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން ބައިނަލްއަޤްވާމީ އިތުރު މައުރަޒުތަކުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މީގެ މައިގަނޑު މަޤްސަދަކީ، ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.
މިއާއެކު ވިޒިޓް މޯލްޑިވްސް ވަނީ، މިއަހަރު ތެރޭ މުހިންމު މާކެޓްތަކެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ، މިއަހަރު ތެރޭ ބައިނަލްއަޤްވާމީ 21 މައުރަޒެއްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
- އަޒަރުބައިޖާން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރަޒިމް ފެއަރ
- އިއެޓްނާމް އިންޓަނޭޝަނަލް ތްރެވަލް މާޓް
- އަލްމަޓީ، ކަޒަކިސްތާން
- އައިޓީބީ ޗައިނާ
- ތައިލެންޑް ޑައިވް އެކްސްޕޯ
- ޓރެވަލް މީޓް އޭޝިއާ
- ބެއިޖިން އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޕޯ
- އައިއެލްޓީއެމް އޭޝިއާ
- ޓީޓީ އެފް މުމްބާއީ
- ޕާޓާ ޓްރެވަލް މާޓް
- އައި.ޓީ.އީ ހޯޗީމިން ސިޓީ
- އައިޓީބީ އިންޑިއާ
- ބީ.އެލް.ޓީ.އެމް އިންޑިއާ
- އޭޝިއަން ޓޫރިޒަމް ފެއަރ
- އިސްތަންބޫލް ޓޫރިޒަމް ފެއަރ
- ކޮޓަމް ޗައިނާ
- ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއެންސް
- އައިޓީބީ އޭޝިއާ
- ބަންގަލަދޭޝަން ޓރެވަލް އެންޑް ޓޫރިޒަމް ފެއަރ
- އައިޓީބީ އެމެރިކާ
- ތަޝްކަން އިންޓަނޭޝަނަލް ޓޫރިޒަމް ފެއަރ
ވިޒިޓް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރައްވަނީ، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިންނާއި ގުޅިގެން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް ފަތުރުވެރިކަމުގެ ސިނާޢަތަކީ ހަރުދަނާ އަދި ކުރިއަރަމުންދާ ސިނާޢަތެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.