އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ރައްޔިތުން ހޭލުންތެރިކުރުމަށް އޮންލައިން ޕްރޮގްރާމްތަކެއް ހިންގަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް އާންމު ރައްޔިތުންނާއި މި ދާއިރާގެ މަސައްކަތްތެރިން ހޭލުންތެރިކުރުވުމަށްޓަކައި، އޮންލައިންކޮށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް ނިންމަވާފައި ވާކަން ހާމަކުރައްވާ އެވުޒާރާއިން ވިދާޅުވީ މި ހަރަކާތްތައް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އިމާރާތްކުރުމާ ގުޅޭ ގާނޫނީ އޮނިގަނޑަށް މީހުން އަހުލުވެރިކުރުވުމެވެ. މިގޮތުން، އިމާރާތްކުރުމުގެ ހުއްދަ ހޯދުމާއި، ޗާޓުތަކާއި ކުރެހުންތައް ފާސްކުރުމުގެ އިޖުރާއަތްތަކުގެ އިތުރުން، ގަވާއިދާ ހިލާފުވާ ހާލަތްތަކުގައި ފިޔަވަޅު އަޅާނެ ގޮތްތަކާ ބެހޭ ތަފްސީލީ މައުލޫމާތު މި ސެޝަންތަކުގައި ހިއްސާކުރެވޭނެ ކަމަށް އެވުޒާރާއިން މައުލޫމާތުދެއެވެ.
މިއަހަރުގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މާރިޗު 30 އިން ފެށިގެން އޭޕްރިލް 2 ގެ ނިޔަލަށް، އެކަމަށް ޚާއްސަކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.