އީރާނުން އެމެރިކާއާއެކު މަޝްވަރާ ކުރަމުންދާ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން އެ ކަން ދޮގުކޮށް، މަޝްވަރާ ކުރައްވަމުން ގެންދަވަނީ އަމިއްލަ ނަފުސާތޯ އީރާނުން ސުވާލުކޮށްފިއެވެ. ޓްރަމްޕްގެ ދަޢުވާއަށް އިންކާރު ކުރައްވައި، އަމިއްލަ ނަފުސާ ސުވާލު ކުރައްވަނީތޯ އޭނާއަށް އިޝާރާތް ކުރައްވައި ސުވާލު ކުރައްވާފައި ވަނީ އީރާންގެ އަސްކަރިއްޔާގެ އިސް ތަރުޖަމާނު އިބްރާހީމް ޛުލްފިޤާރީއެވެ. އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވެސް ވަނީ މަޝްވަރާގެ ދަޢުވާ ދޮގުކުރައްވައި، އެމެރިކާއަށް އިތުބާރު ނުކުރާ ކަމުގައި ވިދާޅުވެފައެވެ.
ފެބުރުވަރީ 28 ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން ޓްރަމްޕް ފެށްޓެވި ހަނގުރާމަ ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، އިރާނުން ދަނީ ސިޔާދަތުގެ ދިފާޢުގައި ރައްދު ޙަމަލާދެމުންނެވެ. މި ހަނގުރާމައާ ގުޅިގެން ތެލުގެ ބާޒާރަށް ވަނީ ލޮޅުން އަރާފައެވެ. އީރާންގެ ދައުލަތާ ގާތް އެސްއެންއެން މީޑިޔާއިން ބުނީ، ވެރިރަށް ތެހްރާންގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އަދި، ރައްދުގައި ޞަހްޔޫނީ ދައުލަތުގެ ތެލް އަވީވާއި ކިރިޔަތު ޝިމޯނޭއަށް ޙަމަލާ ދީފައިވާނެ ކަމުގައެވެ. އެމެރިކާއަށް އެހީތެރިވަމުންދާ ކުވަޔިތާއި، އުރުދުން އަދި ބަޙްރަޔިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވެސް އީރާނުން ވަނީ ޙަމަލާތަކެއް ދީފައެވެ. ސަޢޫދީ ޢަރަބިއްޔާއިން ވެސް ވަނީ ޙަމަލާތަކެއް ދިފާޢުކޮށްފައެވެ.
އެމެރިކާގެ އިޤުތިޞާދަށް ބޮޑު ގެއްލުމެއް ލިބެމުންދާ މި ހަނގުރާމަ ހުއްޓައިލުމަށް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި، ސުލްޙައިގެ އެއްބަސްވުމެއް އެކުލަަވައިލުމަށް އޭނާގެ ސަރުކާރުން ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް ހުށަހަޅާފައެވެ. އޭގައި ހިމެނޭ ޝަރުޠުތަކުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމާއި، ބޭރު ޤައުމުތަކުގެ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުން ހިމެނެއެވެ. އީރާނުން ބުނީ، އެމެރިކާއާއި ޔަހޫދީން ނޫން އެހެން ޤައުމުތަކަށް ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމުގެ ހުއްދަ އޮތް ކަމުގައެވެ.
ހުރްމުޒްގެ ބަންދާ ގުޅިގެން ތެލުގެ ބާޒާރަށް ލޮޅުންއަރައި، ތެލުގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި، އެ ކަމަށް ތަސައްލީއެއް ހޯދައިދިނުމަށް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ރިޒާވުގައި ރައްކާކޮށްފައި ހުރި 400 މިލިޔަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް ނިންމާފައެވެ. އެމެރިކާއާއި އީރާނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ފަށައި، އެ ކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާނުން ވަނީ ހުށަހަޅާފައެވެ. ނަމަވެސް، ޓްރަމްޕް އަދިވެސް ގެންދަވަނީ ހަނގުރާމަ އިތުރަށް ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. މި ގޮތުން، މެދުއިރުމައްޗަށް އިތުރު 4,000 އެއްހާ ސިފައިން ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަން އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ވަނީ ހާމަކޮށްފައެވެ. އެމެރިކާގެ 50,000 ސިފައިންގެ ބިޔަ ލަޝްކަރެއް މިހާރު ވެސް މެދުއިރުމަތީގައި ދަނީ ހަރަކާތްތެރިވަމުންނެވެ.