ޚަބަރު

ލަންކާ އަތުން ހޯދި މޮޅާއެކު ނޭޕާލް ސެމީއާ ގާތަށް


  • މެޗުން ނޭޕާލް މޮޅުވީ 0-1 ގެ ނަތީޖާއަކުން

  • މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސުބާޝް ބަމް

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލުން، ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ލަންކާއާ ދެކޮޅަށް ކުޅެ ނޭޕާލް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައި ވެސް ލަންކާއަށް ވުރެ މޮޅަށް ކުޅެ، އެޓޭކިން ވިސްނުމެއްގައި ކުޅުނީ ނޭޕާލް ޓީމުންނެވެ.

މެޗު ފަށައިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ވެސް ނޭޕާލްގެ ދެ ހަމަލާއެއް، ލަންކާ ޓީމުގެ ގޯލުގެ ހުރަސް ދަނޑިއަށް ވަނީ އަމާޒުވެފައެވެ.

މެޗުގައި ނޭޕާލުން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ 23 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސުބާޝް ބަމް އެވެ.

މި ލަނޑަށްފަހު ވެސް މާ ނުރައްކާތެރި ނޫން ނަމަވެސް، ރަނގަޅު ހަމަލާތަކެއް ނޭޕާލް ޓީމުން އުފައްދާފައިވެއެވެ. އެހެންންމަވެސް އެ ޓީމަށް ވެސް އަދި ލަންކާ ޓީމަށް ވެސް އިތުރު ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފު ފަށައިގެން ވެސް މުޅި ހާފުގައި ވެސް މޮޅަށް ކުޅުނީ ނޭޕާލުންނެވެ. އެހެންނަމަވެސް ލަންކާ ޓީމުން ވަނީ މި ހާފުގައި ކުރިއަށް ޖެހި، ނޭޕާލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ލަނޑެއް ޖަހައި ލީޑު ފުޅާކުރުމަށް ނޭޕާލް ޓީމުން މަސައްކަތްކުރަމުންދިޔައިރު، 58 ވަނަ މިނެޓުގައި ސުބާޝް ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ ދެ މިނެޓުފަހުން ޓީމުގެ ކެޕްޓަން ދަރްބެންދްރާ ކުންވާރު ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މޮޅާއެކު ސެމީ ފައިނަލްގެ ޖާގައަކާ ގާތަށް ނޭޕާލް ޖެހިލިއިރު، އެ ޓީމަށް ސެމީގެ އުއްމީދު ވަރަށް ބޮޑެވެ. ނޭޕާލަށް ސެމީގެ ފުރުސަތެއް ނުލިބޭނީ، މިރޭ ބޫޓާން އަތުން ރާއްޖެ މޮޅުވެ، ފަހު މެޗުގައި ނޭޕާލް އަތުން ވެސް ރާއްޖެ މޮޅުވެގެން، ލަންކާގެ ފަހު މެޗުގައި ބޫޓާނުގެ މައްޗަށް ނޭޕާލުން ކުރިހޯދައިގެން، ފައިދާ ގޯލުގެ ތަފާތުން ބަލިވެގެންނެވެ. އެ ނޫން ކޮންމެ ހާލަތެއްގައި ވެސް ނޭޕާލް ސެމީއަށް ދާނެއެވެ.

މިރޭ ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗު އެއްވަރުވެއްޖެ ނަމަވެސް ނޭޕާލަށް ސެމީ ޔަގީންވާނެއެވެ. އަދި ބޫޓާން މޮޅުވެއްޖެ ނަމަވެސް ނޭޕާލަށް ސެމީ ޔަގީންވާނެއެވެ.