ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް މިއަހަރަށް އަންދާޒާ ކުރާ ބަޖެޓަކީ 10،465،012.00 (ދިހަ މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ފަސްހާސް ރުފިޔާ 12 ލާރި) ކަމަށް ކަނޑައަޅާ ބަޖެޓެއް ފާސް ކޮށްފިއެވެ.
ބީއޭއެމްއިން މި ބަޖެޓު ފާސްކޮށްފައިވަނީ ބުދަދުވަހުގެރޭ ހެންވޭރު ބޯޅަ ގޭގައި ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައެވެ. މެންބަރު ކުލަބުތަކުން ބައިވެރިވި އަހަރީ އާންމު ޖަލްސާގައި ބީއޭއެމްގެ ހިންގާކޮމިޓީން ބުނެފައިވަނީ މިއަހަރު ލަފާކުރާ ބަޖެޓު ކުޅިވަރު ވުޒާރާއި ސްޕޮންސަރުންގެ ފަރާތުން ލިބޭނެ ކަމަށް ލަފާ ކުރާ ފައިސާ ހަމަޖެހިއްޖެ ނަމަ މިއަހަރުވެސް ބެޑްމިންޓަންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ދެ އަހަރެއްހާ ދުވަހު ހުއްޓިފައި އޮތް ބެޑްމިން އެސޯސިއޭޝަން އަލުން ގާނޫނީ ހައިސިއްޔަތު ހޯދައިގެން ކުރިޔަށްދާން ފެށިފަހުން ބޭއްވި ފުރަތަމަ އަހަރީ އާންމު ޖަލްސާގައި އަލަށް އިންތިހާބުވި ހިންގާ ކޮމިޓީގެ މެންބަރުން ވަނީ މެންބަރު ކުލަބުތަކުގެ ކަންބޮޑުވުންތައް އޮޅުން ފިލުވާފައެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބީއޭއެމްގެ ރައީސް އިޝްފާން މުޙައްމަދު (އިއްޕަ) ވިދާޅުވީ މިއަހަރަށްވެސް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށާއި، އޭގެ ތެރޭގައި "ރާއްޖެ ބެޓްމިންޓަން" ގެ ނަމުގައި ބާއްވާ އުމުރުފުރާ މުބާރާތްތައް އެކި އަތޮޅުތަކުގައި ބޭއްވުމަށް މިއަހަރު މަސައްކަތްކުރައްވާނެ ކަމަށެވެ.
އެ މުބާރާތްތައް ބޭއްވޭނީ އެކަށީގެން ވާއަދަދެއްގެ ބަޖެޓެއް ހަމަޖެހިގެން ކަމަށާއި، އެކަންކަން ކުރުމަށް ސްޕޮންސަރުންނާއި ކުޅިވަރު ވުޒާރާގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
މި ޖަލްސާގައި ވަނީ 05 މާޗް 2016ގައި އަމަލުކުރަން ފަށާފައިވާ ކުޅިވަރު ގާނޫނާއި އެއްގޮތަށް ހިންގާ ގަވާއިދަށް ގެނެސްފައިވާ ބަދަލުތައް މެންބަރުންނާއި ހިއްސާކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ހަރަދު ރިޕޯޓް ފާސްކޮށްފައިވެއެވެ. މީގެ އިތުރުން މިއަހަރުގެ އެކްޓިވިޓީ ކަލަންޑަރު ފާސްކުރުމާއި މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހަޅާފައިވެއެވެ.
ބީއޭއެމްއިން މިއަހަރު އެންމެ ބޮޑު އަމާޒެއް ހިފާފައިވަނީ ބެޑްމިންޓަން އާއިލާގެ އެންމެ ބޮޑު އެއް ކަންބޮޑުވުންކަމުގައިވާ ވަސީލަތްތަކުގެ ދަތިކަން ހައްލުކުރުމާއި، ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. ވަސީލަތްތައް އިތުރުކުރުމުގެ ގޮތުން އެކުވެނީގައި ހުންނަ ބެޓްމިންޓަން ހޯލުގެ އިތުރުން އެތަނުގައި އިތުރު ކޯޓުތައް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ފެބުރުއަރީގައި ބީއޭއެމްގެ ރައީސް އިޝްފާން ވަނީ ވިދާޅުވެފައެވެ.
ބީއޭއެމް އަށް ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ، ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން އެޅި ފިޔަވަޅުތަކުން ވީއްލި މިއަހަރު ބައިނަލްއަގްވާމީ 6 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ލިބިފައެވެ.
އެގޮތުން ފުރަތަމަ ވާދަކުރާނީ ސައުތު އޭޝިއަން ރީޖަނަލް ޖޫނިއާ ޗެމްޕިއަންޝިޕް 2026 ގައެވެ. އެ މުބާރާތް އޮންނާނީ އޭޕްރީލް 7-1 އަށް ޕާކިސްތާނުގައެވެ. އެ މުބާރާތުގައި ވާދަކުރާ ކުޅުންތެރިންވެސް މިހާރުވަނީ ކަނޑައަޅާފައެވެ. އަދި 20 ވަނަ އޭޝިއަން ގޭމްސްގައިވެސް މިއަހަރު ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ވާދަކުރާނެއެވެ.