އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި 634 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެެ.
މިއަހަރަކީ، ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 634 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޫކޮށްފައިވަނީ، 537 މިލިޔަން ރުފިޔާއެވެ.
މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އޭގެ ކުރީ އަހަރުވެސް 2.2 ބިލިޔަން ރުފިޔާ ކައުންސިލްތަކަށް ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ، ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ، މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ، ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން 'ބްލޮކް ގްރާންޓް'ގެ ގޮތުގައެވެ.
ކައުންސިލްތަކަށް ދޭ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައިވާ ނިންމުމާއެކު، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބޭ ގްރާންޓްގެ އިންސައްތަ އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކުރިއަށް އޮތްތަނުގައި ކައުންސިލްތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހަރުދަނާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.