ޚަބަރު

"މި ދައުރުގައި ވިލިމާލެ ވާނީ ފުރުޞަތުތައް ފަހި ތަރައްޤީވެފައިވާ ރަށަކަށް"


  • ރައްޔިތުންނަށްޓަކައި ވެރިން ކުރުމަކީ ހަމަހަމަކަން ޤާއިމްކުރުން

  • ރައްޔިތުންގެ ހާލަތު ރަނގަޅުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި5 އަހަރުގެ ދައުރު ނިމިގެން ދާއިރު ވިލިމާލެ ވެގެންދާނީ ފުރުޞަތުތައް ފަހިވެފައިވާ ތަރައްޤީ ރަށަކަށް ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ ބިންގާވަނީ އަޅާފައެވެ. މި ހައުސިން ޔުނިޓަކީ، ވިލިމާލޭގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް މި ސަރުކާރުން ގެނެސްދެއްވި ހެޔޮ ބަދަލެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިލިމާލޭގެ ރައްޔިތުންގެ ގާތަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އާއިލާތައް ބޮޑުވެގެންދާއިރު ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވަމުންދާ މައްސަލަ ކަމަށެވެ.

ލޯނު ނަގައިގެން ގެ ހަދާފައިވާއިރު ކުއްޔައް ދޭނެ ޖާގަ ނެތުމާއި އަދި ލިބޭ މުސާރައިން ލޯނު ދައްކަން ޖެހޭތީ އެކަމުގެ ދަތިކަމުގެ ވާހަކަ ރައީސްއާއި ޙިއްސާކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިކަމަކީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ތަހައްމަލް ކުރާ ހަމައެކަނި ދަތިކަންނޫން ކަމަށެވެ. ރަނގަޅު ޞިއްޙީ ފަރުވާގެ އިތުރުން ކިޔަވާ ކުދިން އޭލެވެލް ކިޔެވުމަށް ދާން ޖެހެނީ ހުޅުމާލެ ނުވަތަ މާލެއަށްކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، މި ޙަޤީޤަތް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ބަދަލު ގެންނަވާފައިވާ ކަމަށެވެ. އެގޮތުން ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލް އެޅުމާއި، މާލޭގެ އެހެން އަވަށްތަކެކޭ އެއްގޮތަށް ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި، ވިލިމާލޭގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވިލިމާލޭގެ ރައްޔިތުންނަށް ޚާއްޞަ ކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފެށިގެން ގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ވިލިމާލޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ނިންމުމުން އެކަމަށް ފާޑުކިޔުން އަމާޒުކޮށް ވާހަކަ ދައްކާ މީހުން ތިބި ކަމަށެވެ. އެހެންނަމަވެސް ކަންކަން ޕްލޭން ކުރާއިރު، މިހާރުގެ ހާލަތަށް ބަލައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނައުމަކީ ކުރަން ޖެހޭކަމެއް ކަމަށެވެ. ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ބައްޓަން ވާންޖެހޭނީ، އެތަނެއްގައި ދިރިއުޅޭ ބައެއްގެ ހާލަތު ރަނގަޅު ކުރުމުގެ މައްޗަށް ކަމަށެވެ. އެގޮތުން މިސަރުކާރުގެ މިދައުރު ނިމިގެންދާއިރު ވިލިމާލެ ވެގެންދާތީ ހުރިހާ ޚިދުމަތްތަކެއް ޤާއިމްވެފައިވާ ތަނަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

" މި 5 އަހަރު ނިމިގެންދާނީ އާފްޓަރ ތޯޓަކަށް ނޫން. ވިލިމާލެ ވެގެންދާނީ ފުރުޞަތު އޮތް، ތަރައްޤީވެފައިވާ ރަށަކަށް. ވަޒީފާއާއި ތަޢުލީމީ ފުރުޞަތުތަކާއި ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތާއި، ދިރިއުޅުމުގެ ގިނަ ކަންކަން ހަމަޖެހިފައިވާ ތަނަކަށް. މާލެއާއި ހުޅުމާލެއެކޭ އެއްހަމައެއްގައި ފުރުޞަތު ތަނަވަސްވެފައިވާ ރަށަކަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ރައްޔިތުންނަށްޓަކައި ވެރިންކަން ކުރުމަކީ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުން ކަމަށެވެ. ތަފާތު ކުރުންތައް ނައްތާލާ ފާގަތި މުސްތަޤުބަލަކަށް މަގު ކޮށާދިނުން ކަމަށެވެ. ވަޒީރު ވިދާޅުވީ، މިސަރުކާރުން ރައްޔިތުންގެ އަޑު އަހާ ކަމަށާއި، ރައްޔިތުންގެ ތަކުލީފުތައް ދެނެގަންނަމުންދާ ކަަމަށެވެ. މިއާއެކު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ރައްޔިތުންގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.