ޚަބަރު

ވޯޓުފޮށިތައް އަތޮޅުތަކަށް ފޮނުވަން ފަށައިފި


  • މި މަސައްކަތް ކުރިއަށް ދަނީ ފުލުހުންގެ އެހީތެރިކަމާއެކު

  • އަތޮޅުތަކުގައި ވޯޓުލާ 347 މަރުކަޒެއް ހުންނާނެ

އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

ކުރިއަށްއޮތް އިންތިޚާބުގައި އަތޮޅުތަކުގައި ވޯޓުލުމަށް 347 މަރުކަޒެއް ހުންނާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ކަނޑުމަގުންނާއި ވައިގެމަގުން އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތެރިވާ ހުރިހާ އޮފިޝަލުންނަށް ބޭނުންވާ ހުރިޙާ ތަކެއްޗާއި ވޯޓުފޮށިތަކުގެ އިތުރުން ވޯޓު ކަރުދާސްވެސް މި ތަކެތީގެ ތެރޭގައި ހިމެނޭއެވެ.

އިލެކްޝަނުން ވިދާޅުވީ، މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ރ، ތ، ލ، ގއ، ގދ، ސ. އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅަށެވެ.

މި އަތޮޅުތަކަށް އެކި ބެޗު ބެޗަށް ބަހާލައިގެން މި މަސައްކަތް ކުރިޔަށް ގެންގޮސް މި މަސައްކަތް މިރޭ ނިންމާލެވޭނެ ކަމަށް އެކޮމިޝަނުން މައުލޫމާތުދެއްވައެވެ. އަދި ކ. އަތޮޅުގެ ރަށްރަށަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އަދި 31 މި ދެދުވަހު ކަމަށް އެކޮމިޝަނުގެ ވިދާޅުވިއެވެ.


ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ މަސައްކަތަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކުގައެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ޙައްގު ލިބޭ މީހުން އެ މީހަކު ރަޖިސްޓްރީވެފައިވާ ވޯޓު ފޮށީގެ މައުލޫމާތު ކުރިއާލައި ބެލުމަށްފަހު ވޯޓުލުމުގެ ޙައްގު އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ. ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒު، VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެއެވެ.