ޚަބަރު

"ސަރުކާރުން ދަނީ މި ހާލަތުގައި ވެސް ރައްޔިތުންނަށް ދަތިނުވާގޮތަށް އިޤްތިޞާދު މެނޭޖުކުރަމުން"


  • ރައީސް ގެންދަވަނީ ރީތި މިސާލު ދައްކަމުންކަމަށް ވިދާޅުވި

  • ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަވާކަން ފާހަގަކުރެއްވި

ހަނގުރާމައާ ގުޅިގެން ކުރިމަތިވާ ދަތިތަކާއެކުވެސް ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ދަތިނުވާގޮތަށް ސަރުކާރުން އިޤްތިސާދު މެނޭޖުކުރަމުން ގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާޙަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއި، ހިކުމަތްތެރިކަމުގެ ތެރެއިންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެކި ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށްޓަކައި މި ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ.

"ކުރިން ވެރިކަންކޮށްފަހުރި ފަރާތްތަކުން ނަގާފަހުރި ލޯނުތައް ދެއްކުމަށްޓަކައި އެކި ދިމަދިމާލުން ފައިސާ ހޯއްދަވައިގެން ދައުލަތުގެ އިޤްތިސާދު މެނޭޖްކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް އެމަނިކުފާނު އަންނަނީ ކުރައްވަމުން. މިއީ ދިވެހި ރައްޔިތުންނަށް އިޚްލާސްތެރި ވެރިއެއްކަން އަޅުގަނޑު ކެރިގެން ދަންނަވަން" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އިޤްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކީގަވެސް، މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤުތަކާއި ޒަރޫރީ ބޭނުންތަކުގެ އިތުރަށް، ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައްވެސް ކުރިއަށްގެންދަވަމުންދާކަމަށެވެ.

"މާޒީގަ ކަންކަން ހިނގާފައިވާގޮތަށް އަޅުގަނޑުމެން ލޯ ހުޅުވައި ބަލަން އެބަޖެހޭ، އަޅުގަނޑުމެންގެ ތަރައްޤީއަށް ހުރަސްއެޅިގެން މި އަންނަނީ ކިހާހިސާބަކުންކަން ވިސްނާ ފިކުރުކުރަން އެބަޖެހޭ. އަދުގެ ރައީސް އެ ހުރިހާ ދަތިތަކާ އެކީގަވެސް ރައްޔިތުންނަށް ކުރަންޖެހޭ އަސާސީ ހައްޤުތަކާއި ޒަރޫރީ ބޭނުންތަކުގެ އިތުރަށް މިފަދަ މަޝްރޫޢުތައް ކުރިއަށްއެބަގެންދަވާ ކުރިމަގަށްޓަކައި" ނައިބު ރައީސް ވިދާޅުވިއެވެ.