ޚަބަރު

ބަންގްލަދޭޝްގެ ސަޕޯޓަރުންވީ ބޮޑު ގޮންޖެހުމަކަށް: އިންޑިއާގެ ކޯޗު


  • މެޗު ބެލުމަށް ޖުމްލަ 3922 ސަޕޯޓަރުން ދަނޑަށް ވަދެފައިވޭ

  • މެޗު ބަލަން ގިނައިން ވަނީ ބަންގްލަދޭޝްގެ ސަޕޯޓަރުން

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހުނުއިރު، އެ ޓީމަށް އޮތް ބޮޑު ތަރުހީބު ވެގެންދިޔައީ ބޮޑު ގޮންޖެހުމަކަށް ކަމަށް އިންޑިއާގެ ކޯޗު، މަހޭޝް ގަވާލީ ބުނެފިއެވެ.

މާލޭގައި ފެށިގެން ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ އިންޑިއާ ވަނީ 1-1 އިން އެއްވަރުވެފައެވެ.

މުޅި މެޗުގައި ވެސް އަދި މެޗުގެ ކުރިން ވެސް އެންމެ ބޮޑަށް ފާހަގަވެގެންދިޔަ ކަމަކަށްވީ، ބަންގްލަދޭޝް ޓީމަށް އެ ގައުމުގެ ރައްޔިތުން ދިން ލޯތްބާއި ހިތްވަރެވެ.

ހުކުރު ދުވަހުގެރޭ ބޫޓާނާއި ސްރީލަންކާ ބައްދަލުކުރި މެޗު ނިމުނު ވަގުތުން ފެށިގެން ގޮސް، އެރޭ ޓިކެޓް ކައުންޓަރު ބަންދުކުރުމާ ހަމައަށް ވެސް އަދި އެފަހުން ހޮނިހިރު ދުވަހު ކައުންޓަރު ހުޅުވީއްސުރެ މެޗު ފެށިގެންދިޔައިރު ވެސް މެޗު ބަލަން ދަނޑަށް ވަންނަން ހަދާފައި އޮތް ކިއު އޮތެވެ.

މިފަހުން އަމިއްލަ ފަސްގަނޑުގައި ރާއްޖެ ކުޅުނު މެޗެއްގައި ވެސް ނުލިބޭހާ ސަޕޯޓު މި މެޗުގައި ބަންގްލަދޭޝް ޓީމަށް ލިބިގެންދިޔައިރު އެކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އިންޑިއާގެ ކޯޗު ބުނީ، މެޗުގައި އިންޑިއާ ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ބަންގްލަދޭޝް ޓީމުގެ ސަޕޯޓަރުން އެ ޓީމަށް ދިން ހިތްވަރު ކަމަށެވެ.

މެޗުގައި ލަނޑެއްޖަހައި ލީޑުގައި އޮވެ ކުޅެމުންދިޔަ އިންޑިއާ ޓީމު ކޮޅަށް، ފުރަތަމަ ހާފުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ލަނޑެއް ވަންނަން މެދުވެރިވި ސަބަބަކީ ވެސް، މެދުކެނޑުމެއްނެތި، ބަންގްލަދޭޝްގެ ސަޕޯޓަރުން ބަންގްލަދޭޝް ޓީމަށް ދިން ހިތްވަރުގެ ސަބަބުން ކުޅުންތެރިންނަށް ކުރިމަތިވި ޕްރެޝަރު ކަމަށެވެ.

ޒުވާން ކުޅުންތެރިންތަކަކަށް އެ ޕްރެޝަރު "ހޭންޑަލް" ނުކުރެވުނީ ކަމަށާއި، ދެވަނަ ހާފުގައި ވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގައި އެ ޕްރެޝަރު އަދާކުރި ދައުރު ބޮޑުކަމަށް ކޯޗު ބުންޏެވެ.

އިންޑިއާ ޓީމުން ދެއްކި ކުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ގަވާލީ ބުނީ، ފަރިތަކުރަން އެކަށީގެންވާ ވަގުތު ނުލިބި ވެސް، ޓީމުގެ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ.

"މުޅި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ހަމަ ވަރަށް ފުރިހަމަ. ވަރަށް ރަނގަޅު. އެއީ އަހަރުމެންނަށް އެކަށީގެންވާ ވަރަށް ނުލިބޭ ތަމްރީނުކުރާނެ ވަގުތެއް. ތަމްރީނުތަކާ ނުލައި އަހަރުމެން ރާއްޖެ އައީ. އެ ހާލަތުގައި ވެސް މެޗުތަކުގައި މޮޅަށް ކުޅެ ލަނޑުތައް ޖަހަމުން އެ ދަނީ އެ ކުޅުންތެރިން. 100 އިންސައްތަ ކްރެޑިޓް ދާނީ ހަމަ އެ ކުޅުންތެރިންނަށް. ވަރަށް ފަހުރުވެރިވޭ އެ ކުޅުންތެރިންނާ މެދު". ކޯޗު ގަވާލީ ބުންޏެވެ.

ބަންގްލަދޭޝް އާއި އިންޑިއާގެ ކުރިމަތިލުމަށް ހަމަހަމަ ނަތީޖާއެއް ލިބި މެޗު ނިމިގެން ދިޔައިރު، މެޗާ ކުރިމަތިލިއިރު ވެސް މި ދެ ޓީމަށް އޮތީ ސެމީގެ ޖާގައެއް ކަށަވަރުވެފައެވެ. މި މެޗު ވެގެންދިޔައީ މި ގުރޫޕުގެ އެއްވަނަ މަގާމު ހޯދާނެ ޓީމަށް ބެލުމަށް ކުޅެވުނު މެޗަކަށެވެ.

މި މެޗުގެ ނަތީޖާއާއެކު ތާވަލުގެ އެއްވަނަ ލިބުނީ އިންޑިއާ އަށެވެ. އެއީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނަ ހޯދި ބަންގްލަދޭޝްއަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވާއިރު އިންޑިއާއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގުރޫޕުގެ ފުލުގައި އޮތީ ކުޅުނު ދެ މެޗުން ވެސް ބަލިވި ޕާކިސްތާނެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ނޭޕާލެވެ. ސެމީގެ ދެވަނަ މެޗު އެރޭ އޮންނައިރު އެ މެޗުގައި ކުރިމަތިލާނީ އިންޑިއާ އާއި ބޫޓާނެވެ.