ޚަބަރު

ހުޅުމާލޭގައި 1100 އުޅަނދުގެ ޖާގައިގެ ޕާކިން ބިލްޑިންގެ ބިންގާއަޅައިފި


  • 4 ފުރޮޅުލީ އުޅަނދަށް ޚާއްސަކޮށް 600އަށްވުރެ ގިނަ ޖާގަ

  • 500އަށްވުރެ ގިނަ ސަރިކަލު ޕާކު ކުރެވޭނެ ޖާގަ

ހުޅުމާލޭގައި 1،100 އަށްވުރެ ގިނަ އުޅަނދު ޕާކު ކުރެވޭ، ޕާކިން ބިލްޑިންގެ ބިންގާ އަޅައިފިއެވެ. މި އިމާރާތަކީ ބޭސްމަންޓް ހިމެނޭހެން 13 ފަންގިފިލާގެ އިމާރާތެކެވެ.

ހުޅުމާލޭ ފޭސް1ގައި ތަރައްޤީކުރާ މި ޕާކިން ބިލްޑިންގައި 2 ފުރޮޅު އަދި 4 ފުރޮޅުލީ އުޅަނދު ޕާކުކުރެވޭނެ ޖާގަ ހިމެނެއެވެ.
އެގޮތުން 4 ފުރޮޅުލީ އުޅަނދަށް ޚާއްސަކޮށް 600އަށްވުރެ ގިނަ ޖާގައާއި 500އަށްވުރެ ގިނަ ސަރިކަލު ޕާކު ކުރެވޭނެ ޖާގަ ހިމެނެއެވެ. މި އިމާރާތަކީ ފުރިހަމަ، ޒަމާނީ ޕާކިން އިމާރާތެކެވެ.

މި އިމާރާތުގައި ޕާކިން ސްޕޭސް ތަރައްޤީކުރަނީ، އިމާރާތަށް އަރަ ފޭބުމަށް ރޭމްޕްގެ އިތުރުން، ވެހިކަލް އެލިވޭޓަރވެސް ހިމެނޭގޮތަށެވެ.
އަދި އިމާރާތުގެ ޓްރެފިކް ފްލޯ ރަނގަޅަށް ބެލެހެއްޓޭނެ ގޮތަށެވެ.

މި އިމާރާތުގައި ވެހިކަލް ޕާކިންގެ އިތުރުން، އުޅަނދުތަކަށް ބޭނުންވާ ޚިދުމަތްތައް ލިބޭނެ އަދި ވިޔަފާރި އައުޓްލެޓްތަކާއި އިލެކްޓްރިކް އުޅަނދު ޗާޖިން ފެސިލިޓީއަކާއި އަދި ކުޅިވަރު ފެސިލިޓީތަކެއްވެސް ހިމެނެއެވެ.

މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަަށް ތައްޔާރުވެއްޖެއެވެ. އެ ބިލްޑިންތަކާއެކު ހަތަރުފުރޮޅުލީ އުޅަނދުތަކަށް 2600އަށްވުރެ ގިނަ ޖާގަ ލިބޭނެކަމަށާއި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެކަމަށެވެ.