އައްޑުއަތޮޅު ހުޅުމީދޫގައި ޤާއިމުކުރި މަސް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފިއެވެ.
މިއީ، ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި ހުޅުވި ފެސިލިޓީއެއް ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވެއެވެ.
މި ފެސިލިޓީ ހުޅުވީ މިކަމަށްޓަކައި ހުޅުމީދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިތަން ރަސްމީކޮށް ހުޅުވައިދެއްވީ، މަަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރާއި، މިފްކޯގެ އިސްވެރިންނާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އައްޑޫ ހުޅުމީދޫގައި މިފްކޯއިން ހުޅުވި މި ސެންޓަރަކީ، ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި ހުޅުވި ސެންޓަރެެކެވެ. އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން ނަފާ އިތުރު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް މިފްކޯއިން ވިދާޅުވެއެވެ.
މިފްކޯއިން ވިދާޅުވީ، އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީން މަސް ޕްރޮސެސް ކުރުމުގައި ބޭނުންކުރާނީ ބްލާސްޓް ފްރީޒިންގ މެތަޑު ކަމަށެވެ. މިގޮތުން ބަންދުކުރެވޭ މަސް މިއަދުން ފެށިގެން މިފްކޯ ހުޅުމީދޫ ފިހާރައިން ގަންނަން ލިބެން ހުންނާނެ ކަމަށާއި، ޑިސްޓްރިބިއުޓަރުން ހޯދައި، އައްޑުއަތޮޅުގެ ހުރިހާ ހިސާބަކުން މި ފެސިލިޓީގެ އުފެއްދުންތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެެވެ.
މިފްކޯގެ އުފެއްދުންތެރިކަން އިތުރު ކުރުމަށްޓަކައި އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯއިން ވަނީ، މަސް ގަތުމާއި، ރައްކާ ކުރުމުގެ ޤާބިލުކަން އިތުރު ކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރު ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ.