ޚަބަރު

"ރާއްޖޭގެ ހުރަސްތަކަށް ފާރަވެރިވެވުނުނަމަ ނަތީޖާ ރަނގަޅުވީސް"


  • ޓިމޯ ލެސްޓޭއިން ބުނީ ތަންކޮޅެއް އެގްރެސިވިޓީ ބޮޑުކުރިނަމަ ރަނގަޅު ކުރެވޭނެ ކަންކަން ހުރިކަމަށް

  • މެޗު ނިމުނީ 1-2 އިން ރާއްޖެ މޮޅުވެގެން

ރާއްޖޭން ޓީމުން ޖެހި ދިގު ބޯޅަތަކާއި ހުރަސްތަކަށް ފަރުވާތެރިވެވުނު ނަމަ ހެދުނު ގޯސްތައް ރަނގަޅު ކުރެވުނީސްކަމަށް ޓިމޯ ލެސްޓޭގެ ކޯޗު ހޯސޭ ޕެޑްރޯ އަލްވޭޒް ސަލަޒާރު (ޒީ ޕެޑްރޯ) ބުނެފިއެވެ.

އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ދިވެރާއްޖެއާއި ޓިމޯ ލެސްޓޭ ގަލޮޅު ދަނޑުގައި ބައްދަލުކުރި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ފެޑްރޯ ބުނީ މި މެޗުން ކުރިޔަށް އޮތްތަނުގައި ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ދަސްވިކަމަށެވެ.

ކުޅުންތެރިންގެ ކޮންސެންޓްރޭޝަން މިމެޗުގައި ދަށްވި ކަމަށް ޓީމުން ފާހަގަކޮށްފައިވާއިރު ކޯޗު ބުނީ، "ދިގުބޯޅަތަކާއި އާއި ހުރަސްތަކަށް ފަރުވާތެރިވެވުނު ނަމަ އަދި ތަންކޮޅެއް އެގްރެސިވިޓީ ބޮޑުކުރިނަމަ މި މެޗުން ރަނގަޅު ކުރެވޭނެ ކަންކަން ހުރި" ކަމަށެވެ.

މި މެޗު ނިމުނީ ޓިމޯ ލެސްޓޭއިން 1 ލަނޑު ޖަހާ ލީޑުގައި އޮތްވާ ދެވަނަ ހާފްގައި ފަހަތުން އަރާ ރާއްޖެ ދެ ގޯލު ޖަހައި، މެދު ކާމިޔާބުކޮށްގެނެވެ. ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައިދިނީ މުހައްމަދު އިރުފާން (އިރޭ) އެވެ.

ދެވަނަ ލަނޑަކީ އަލީ އަޝްފާގް (ދަނގަޑޭ) އަށް ޓިމޯ ލެސްޓޭއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރާއްޖެއާއި ދެކޮޅަށް ނިކުތްއިރުވެސް މިއީ އުނދަގޫ ކުރިމަތިލުމަކަށް ވާނެކަން އެނގުނުކަމަށާއި، ފަހު ފަސް މިނިޓްގައި ރާއްޖެ ކޮޅަށް މެޗު އެނބުރު ނަމަވެސް މިއީ ފިލާވަޅުތަކެއް ލިބުނު މެޗެއް ކަމަށް ޓިމޯ ލެސްޓޭގެ ކޯޗު ޕެޑްރޯ ބުންޏެވެ.

"މި މެޗަކީ އުނދަގޫވާނެކަން ކުރިންވެސް އެނގުނު. ފަހު ފަސް މިނިޓްގައި އަހަރުމެން މެޗު ގެއްލުނީ. ދެން ކުރިޔަށް އޮތް މުބާރާތަކަށް ތައްޔާރުވާނީ. މިއީ ފިލާވަޅުތަކެއް ލިބުނު މެޗެއް" ޕެޑްރޯ ބުންޏެވެ.

އަދި ފެންވަރުގެ ގޮތުން ބަލާއިރު ޓިމޯ ލެސްޓޭއާއި ރައްޖެ ހިމެނޭ ގުރޫޕުގައި އެންމެ ވަރުގަދަ ޓީމަކީ ޕިލިޕީންސް ކަމަށާއި، އެއަށްފަހު ކަޒަކިސްތާނުކަން ފާހަގަކުރަމުން ކޯޗު ބުނީ އެ ފެންވަރަށް ޓިމޯ ލެސްޓޭ ޓީމު ގެންދަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އުންމީދަކީ އެ ފެންވަރަސް ޓީމު ގެންގޮސްދިނުން ކަމަށް ފާހަގަ ކުރިއެވެ.

އެހެންނަމަވެސް އެކަމަށް ވަގުތު ނަގާނެކަން ކޯޗުވެސް ގަބޫލުކުރާއިރު، ރާއްޖެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްގެން ކުރިޔަށް ހުރި މުބާރާތްތަކަށް އަނެއްކާވެސް ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ފެޑްރޯ ބުންޏެވެ.

ޓިމޯ ލެސްޓޭއަކީ ބައިނަލްއަގްވާމީ ފެންވަރުގެ ދަނޑެއްވެސް ނެތް ގައުމެއް ކަމުން ރާއްޖެއާއި އެކު ކޮލިފިކޭޝަންގައި ކުޅުނު އެގައުމުގެ ހޯމް މެޗު ކުޅުނީ އޮސްޓްރޭލިއާގައެވެ. އެމެޗުގައި ޓިމޯ ލެސްޓޭ ވަނީ ރާއްޖޭގެ މައްޗަށް 1-0 ން ކުރިހޯދާފައެވެ. އެހެންނަމަވެސް ރާއްޖޭގައި ކުޅުނު އަވޭމެޗުން ފަހު ވަގުތު ބަލިވީ ފަހަތުން އަރައި އެއްވަރުކޮށް، މެޗުގެ އިތުރު ވަގުތުގައި ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން 2-1 ނަތީޖާ ބަދަލުކޮށްލުމުންނެވެ.

"ލެވެލްއަށް ބަލާއިރު ފިލިޕީން އާއި ކަޒަކިސްތާނުގެ ލެވެލް ވަރަސް މަތި. އެ ހިސާބަށް އެ ލެވެލަށްދާން އަހަރުމެން ވަރަ ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ" ފެޑްރޯ ބުންޏެވެ.