ޓުއަރިޒަމް

މޯލްޑިވްސް މެރިން އެކްސްޕޯ 2016 ފަށައިފި


ބައްތިރީސް އެކްޒިބިޓަރުންނާއެކު މޯލްޑިވްސް މެރިން އެކްސްޕޯ 2016 ފަށައިފިއެވެ. މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމްއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ މި ދާއިރާގައި މަސައްކަތްކުރާ ދިވެހި އަދި ބޭރުގެ ފަރާތްތަކަށް، ޕްރޮޑަކްޓްތައް އިޝްތިހާރުކޮށް، ޕްރޮޑަކްޓްސްތައް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ. މިއަހަރުގެ އެކްސްޕޯގައި 32 އެގްޒިބިޓަރުން ބައިވެރިވެފައިވާއިރު އޭގެތެރޭގައި، ބޭރުގެ 5 ޤައުމެއްގެ އެކްޒެބިޓަރުން ހިމެނެއެވެ.

މިމަހުގެ 27 ން 30 އަށް ކުރިއަށްދާ މިއަހަރުގެ މެރިން އެކްސްޕޯ ކުރިއަށްދަނީ ހުޅުމާލެ ފެރީ ޓަރމިނަލްގެ އުތުރުން އޮންނަ ހުސްބިމުގައެވެ. މިއަހަރުގެ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ މެރިން ދާއިރާ ކުރިއެރުވުމަށް މިފަދަ އެކްސްޕޯއެއް ވަރަށް މުހިއްމު ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14749926490795.jpg|މޯލްޑިވްސް މެރިން އެކްސްޕޯ 2016 ގެ ތެރެއިން- ފޮޓޯ: މޯލްޑިވްސް މެރިން އެކްސްޕޯ މެރިން އެކްސްޕޯ، ޓްވިޓަރ

މީގެ އިތުރުން މިނިސްޓަރ ވަނީ ލިވް އަބޯޑް އެސޯސިއޭޝަނުން އިސްނަގައިގެން މެރިން ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމާގުޅޭ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައި، އަދި އެ މަސައްކަތުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޙަސަން ޙަލީމް ވިދާޅުވީ މި އެކްސްޕޯގެ އެހީގައި މެރިން ދާއިރާގައި ޙަރަކާތްތެރިވާ ވިޔަފާރިތައް އިތުރަށް ތަރައްޤީވަމުންދާކަމަށެވެ.

މިއަހަރުގެ އެކްސްޕޯގައި ރާއްޖޭގެ އިތުރުން، އިންޑިއާ، އެމިރޭޓްސް، ރަޝިއާ، އެމެރިކާ އަދި ޗައިނާއިން އެކްޒިބިޓަރުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ މެރިން އެކްސްޕޯގައި ބައިވެރިވެފައިވާ ފަރާތްތަކުން އެކްސްޕޯ ވަރަށް ތައްޔާރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މެރިން އެކްސްޕޯގައި މެރިން އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ފަރާތްތަކުން، އެފަރާތްތަކުގެ ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ދިނުމަށްޓަކައި މެރިން ޓޯކްސްގެ ނަމުގައި ލައިވް ޓޯކް ޝޯއެއް ކުރިއަށް ގެންދިޔުމަށްވެސް ރާވާފައިވެއެވެ.

މެރިން އެކްސްޕޯގައި އާރޓް ގެލަރީއެއްވެސް ވަނީ ހިމަނާފައި، އަދި މޫދުގެ ކުޅިވަރުތަކުގެ ޙަރަކާތްތަކެއްވެސް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މުނިފޫހިފިލުވުމުގެ ގޮތުން ފެނިގެންދާނެ. އަދި އެކްސްޕޯގެ ފަހުދުވަހު މޫދު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުންނަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ މި އެކްސްޕޯ އިންތިޒާމްކުރަނީ ބްލަކް ފްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.