ޚަބަރު

ސޯލާ ފެރީ ގެނެސް ޓެސްޓު ދަތުރުތައް ފަށަނީ


  • އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެރީ ދުއްވޭނެ ގޮތްތައް ދަނީ ބަލަމުން

  • ކައިރި ރަށްރަށް ދަތުރުކޮށް ޚިދުމަތް ދެވޭނެ

ތިމާވެއްޓާ ރައްޓެހި، ސޯލާ ފެރީ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅުވާލުމަށް މަސައްކަތް ކުރަމުން އަންނައިރު މި ޚިދުމަތް ހަރުދަނާގޮތެއްގައި ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރައްވާކަމަށެވެ. މި ޚިދުމަތުގައި ބޭނުންކުރަނީ ޒަމާނީ ފެންވަރުގެ ފެރީތަކެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ފެރީތަކުގެ ތެތަލަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަމަށެވެ. އެހެންކަމުން އަދުގެ ހާލަތަށް ބަލާއިރުވެސް މި ފެރީ ސިސްޓަމްއަކީ ހަރުދަނާ އަދި ތެޔޮ ވީހާވެސް މަދުން ބޭނުންކުރާ ބާރު ދުވެލިީގައި ދުއްވާ އެއްޗެއްސަށް ހެދުމަށް މަސައްކަތް ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރިއަތް އޮތްތަނުގައި ޓްރާންސްޕޯޓް މިނިސިްޓްރީއާއި ލޯންޗް ބަންނަ ފަރާތްތަކުންވެސް މިކަމުގެ އެފިޝިއަންސީއަށް ބަލާނެކަމަށް ޤަބޫލުކުރަން. އެކަންކަން ކުރެވޭނެކަމަށް ޤަބޫލުކުރަން."ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ވަޒީރު ޠާރިޤް ވިދާޅުވީ މިހާރު ޚިދުމަތްދޭ ފެރީތަކުގެ އިތުރުން އެ ވުޒާރާއިިން އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެރީ ދުއްވޭނެ ގޮތްތައް ބެލުމަށް މަސައްކަތް ކުރާކަމަށެވެ. އެގޮތުން ލަސްތަކެއް ނުވެ ސޯލާ ފެރީ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ފަށާނެކަމަށާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި އެ ފެރީ އަޖުމަ ބެލުމުގެ ގޮތުން ދުއްވަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ކުރިއަށް އޮތްތަނުގައި ސޯލާ ފެރީ ސިސްޓަމެއް ޤާއިމްކޮށް ފެށޭނެކަމަށް އުންމީދުކުރައްވާކަމަށާއި ޚާއްސަކޮށް ކައިރި ރަށްރަށް ދަތުރުކޮށް ޚިދުމަތް ދެވޭނެ ގޮތަށް އެނިޒާމް ބައްޓަންކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

2025 ވަނަ އަހަރު އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި "އެޕޯލޯ" ގެ ނަން ދީފައިވާ، 75 ސޯލާ ހަރުކޮށްފައިވާ މި ފެރީއަކީ ކަނޑު ގަދަ ދުވަސްވަރު ވެސް ދުއްވޭ ގޮތަށް ބަންނަ ފެރީއެކެވެ. "ސީ ސްޓޭޓް 5" ނުވަތަ ކަނޑުގެ ރާޅުގެ އުސްމިން ހަތަރު މީޓަރަށް ހުންނަ އިރު ވެސް މި ދުއްވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ގާތްގަނޑަކަށް 75 މީހުންގެ ޖާގަޔާ އެކު ބަންނަ ފެރީގެ ސްޕީޑު ހުންނާނީ ގަޑިއަކު 8 ނޯޓިކަލް މޭލުގައެވެ.

ރާއްޖެއަށް ބަންން އުޅަނދުގައި 50 ކިލޯވޮޓުގެ ދެ ބެޓަރީ ޕެކާއި 40 ކިލޯވޮޓްގެ ދެ އިންބޯޑް އިލެކްޓްރިކް މޯޓަރުން ކަރަންޓު އުފައްދައެވެ. އޭގައި ހިމެނޭ އިލެކްޓްރިކް ސްޓިއަރިން ސިސްޓަމްގެ ސަބަބުން މެއިންޓެނަންސް ކުރަންޖެހޭ މިންވަރު ދަށްވެއެވެ. އެ އުޅަނދުގެ މަތީގައިވާ 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ސިސްޓަމުން ބެޓެރިތައް ޗާޖުކޮށްދޭނެކަމަށް އޭރު ބުނެފައިވެއެވެ.