ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިފުރުސަތު ހުޅުވާލީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ މިއަހަރުގެ މާރިޗު މަހުގެ ގެޒެޓުކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލާކަމަށެވެ.
އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާ މިފުރުސަތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން ދޫކުރާ 1250 އަކަފޫޓުގެ ގޯތިތަކަށްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މިއުސޫލުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ މައި ކެޓަގަރީތަކުގެ ތެރޭގައި ޖޮއިންޓް އެޕްލިކޭޝަން ހުށައަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކާއި، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކެވެ.
މިއުސޫލުގެ ދަށުން އެޕްލިކޭޝަން ހުށައަޅުއްވާނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މިއުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށައަޅާއިރު ބޭނުންވާ ލިޔެކިޔުންތަކާއި ގުޅޭ މަޢުލޫމާތުވަނީ ގެޒެޓުގައި ޝާޢިއުކޮށްފައެވެ.
އެގޮތުން ކައިވެނިކޮށްގެން އުޅޭ ފަރާތެއްނަމަ ކައިވެނީގެ ސެޓްފިކެޓާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް އޮތްނަމަ ބިމުގެ ނުވަތަ ފްލެޓުގެ ރަޖިސްޓްރީއާއި، ޙައްޤުތަކާއި ގުޅޭ އިޤްރާރާއި، އުފަންވީއްސުރެ މާލޭގައި އުޅޭކަން ނުވަތަ ފަހުން މާލޭގައި ރަށްވެހިވެފައިވާ ފަރާތެއްނަމ،ަ ފަހުން މާލޭގައި ރަށްވެހިވިއިރ،ު ފުރަތަމަ ރަށްވެހިވި މާލޭގެ އެޑުރެހެއްގައި ރަށްވެހިވި ތާރީޚާއި އެ ތާރީޚް އަންގައިދޭ ރަށްވެހިންގެ ރަޖިސްޓަރީ ފަދަ ލިޔުންތައް ހިމެނެއެވެ.
ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ ދާއިރާއިން މާލެ ސަރަޙައްދަށް މިސަރުކާރުގެ އެންމެ ބޮޑު އެއް ތަޞައްވުރެއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 500 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ހިއްކާ ނިމިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.