ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރިގަދަ ކެމްޕޭން ނިންމާލައިފި


  • ބޮޑު ދެޕާޓީންވަނީ ފޯރިގަދަ ކެމްޕޭނެއް ކުރިއަށްގެންގޮސްފައި

  • ކެމްޕޭން ނިންމުމަށްވަނީ ބޮޑު ހިނގާލުމެއް ބާއްވާފައި

ގިނަ ބަޔަކާއެކު ސިޔާސީ ޕާޓިތަކުން ކުރިއަށްގެންދިޔަ ފޯރިގަދަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ނިންމާލައިފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ބޮޑު 2 ޕާޓީގެ ދެމެދުވަނީ ވާދަވެރި އަދި ފޯރިގަދަ ކެމްޕޭނެއް ކުރިއަށްގެންގޮސްފައެވެ. މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި ގުޅިގެން ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށްވަނީ ހަމަވެފައެވެ.

ކެމްޕޭން ކުރުމުގެ ވަގުތު ހަމަވީއިރު ބޮޑު ދެޕާޓީ ކަމަށްވާ، ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއާއި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއިން ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ކެމްޕޭން ނިންމުމަށް ޚާއްސަ ހިނގާލުމެއް ބާއްވާފައެވެ.

ޕީއެންސީން ބޭއްވި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެފައިވާއިރު، އިދިކޮޅު ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވެސްވަނީ އެޕާޓީގެ ހިނގަލުމުގައި ބައިވެރިވެފައެވެ. އަދި މި ދެ ޕާޓީއަށް ތާއިދުކުރާ ގިނަ އަދަދެއްގެ އާންމުންވެސް ކެމްޕޭން ނިންމާލުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި ބައިވެރިވެފައިވެއެވެ.