އެމެރިކާގައި ފުޓުބޯޅައިގެ ތަމްރީނުތައް ހަދަމުން އަންނަ ހުނަރުވެރި ކުޅުންތެރިޔާ ރޮނަން ސަލިވަންގެ ސަބަބުން، ސާފް ޗެމްޕިއަންޝިޕް 2026ގައި މުޅި ޓީމަށް ފައިދާކުރިކަމަށް ބަންގްލަދޭޝްގެ އެސިސްޓަންޓް ކޯޗު، އަތީގުއްރަހްމާން މީޝޫ ބުނެފިއެވެ.
މުބާރާތުގެ ތަޖުރިބާއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން އަތީގުއްރަހްމާން ބުނީ ރޮނަން ކަހަލަ ޤައުމުން ބޭރުގައި ކުޅޭ ކުޅުންތެރިއަކު އެ ޓީމުގައި ހިމެނުން އެއީ ޓީމަށް ލިބުނު ރަނގަޅެއް ކަމަށެވެ. އަދި ރޮނަންގެ ސަބަބުން މުޅި ޓީމަށް ކުރިއެރުން ލިބުނު ކަމަށެވެ.
ރޮނަން އަކީ އެމެރިކާގެ ފިލަޑެލްޕިއާ ޔޫނިއަން އެކަޑަމީގެ ކުޅުންތެރިއެކެވެ. މިއީ ބަންގްލަދޭޝްގެ ޤައުމީ ޓީމަށް އޭނާ ކުޅެދިން ފުރަތަމަ މުބާރާތެވެ. މުސްތަގްބަލުގައި ބަންގްލަދޭޝްގެ ސީނިއާ ޓީމުން ފުރުސަތު ހޯދާނެ ކަމަށް ބެލެވޭ ރޮނަންއަކީ އިދިކޮޅު ޓީމުތަކުން ވަރަށް ބޮޑަށް ސަމާލުކަންދީގެން ކުޅުނު ކުޅުންތެރިއެކެވެ.
"މިއީ ޓީމު ގޭމެއް، އެކަމަކު އޭނާ (ރޮނަން) ޓީމުގައި ހިމެނުމަކީ އަހަރުމެންނަށް ލިބުނު ރަނގަޅެއް. އޭނާގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެންނަނީ. އެހެންވީމަ ޓީމުގައި އޭނާ ހިމެނުމަކީ ފައިދާއެއް" އަތީގުއްރަހްމާން ބުންޏެވެ.
މުބާރާތުގެ ކުރިންވެސް މީޑިއާތަކުން ރޮނަންގެ ވާހަކަ ފާހަގަކޮށް ގިނަބައެއްގެ ސަމާލުކަން ރޮނަންއަށް ހުއްޓުނެވެ. ގަލޮޅު ދަނޑުގައި ކުޅުނު މެޗުތަކުގައި 18 އަހަރުގެ ރޮނަން މޮޅު ކުޅުމެއް ދައްކާފައިވާއިރު އޭނާ ވަނީ ޕާކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އެހެން މެޗުތަކުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
ރާއްޖޭގައި ކުޅުނު 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް 2026، ބަންގްލަދޭޝްއަށް ކާމިޔާބުކޮށްދިނުމުގައި ރޮނަން ވަނީ ޓީމަށް މުހިންމު މަސައްކަތްތަކެއް ކޮށްދީފައެވެ.
އެގޮތުން އޭޕްރީލް 03 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލްމެޗުގައި އިންޑިއާ އަތުން ޕެނަލްޓީގައި މޮޅުވެ މުބާރާތުގެ ތަށި އެޤައުމުން އުފުލާލީ ރޮނަންގެ ބޮޑު ހިއްސާއަކާއި އެކުގައެވެ. ބަންގްލަދޭޝް ޗެމްޕިއަންކަން ހޯދީ ރޮނަން ކޫޕަރު ބޯމަތިން ހިއްލާލި ހިތްގައިމު ޕެނަލްޓީއިންނެވެ. 4-3 ން އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝްއިން ވަނީ އެންމެ ފަހުން، ބޭއްވި މި އުމުރުފުރާގެ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.