ޚަބަރު

މަޖިލިސް ރައީސް ޢަބްދުއްރަޙީމް ވޯޓުލައްވައިފި


  • ޢަބްދުއްރަޙީމް ވޯޓުލެއްވީ ލ.ފޮނަދޫ ރައްޔިތުންނަށް ކަނޑައަޅާފައިވާ ފޮށްޓަށް

  • ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށް

ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވޯޓުލައްވައިފިއެވެ.

އެމަނިކުފާނު ވޯޓުލެއްވީ، ލ. ފޮނަދޫގެ ރައްޔިތުން ވޯޓުލުމަށް ކަނޑައަޅާފައިވާ ފޮށްޓަށެވެ. މިއަދު ކުރިއަށްދާ އިންތިޚާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.

މިފަހަރުގެ އިންތިޚާބުތަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖުމުލަ 297,959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް 292,706 ވޯޓު ކަރުދާހާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް 298,180 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ.

މި އިންތިޚާބުތަކަށް މުޅި ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ، މިއަދު ހެނދުނު 8:00އިން ހަވީރު 4:00 ޖެހުމާ ހަމައަށެވެ.