ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެކުއެޓިކްސް މޯލްޑިވްސް) އިން މި އަހަރު 71 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފިއެވެ.
މިކަން ހާމަވެފައި ވަނީ، އާދިއްތަ ދުވަހުގެރޭ އެ އެސޯސިއޭޝަނުން ބޭއްވި އެ އެސޯސިއޭޝަނުގެ އާންމު ޖަލްސާގައި ފާސްކުރި މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުންނެވެ.
އެ އެސޯސިއޭޝަނުން މި އަހަރަށް ކަނޑައެޅި ބަޖެޓުގެ ޖުމްލަ އަދަދަކީ 97،249،198 ރުފިޔާއެވެ. މީގެތެރެއިން 71,745,000ރ އަކީ ލޯނުގެ ގޮތުގައި ލިބޭ އާމްދަނީއެއް ކަމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.
ބަޖެޓުގައި ބުނެފައިވާ ގޮތުން މިއީ އެކުއަޓިކް ސެންޓަރ އިމާރާތްކުރުމަށް ލިބޭ ފައިސާއެވެ.
މި ފައިސާ، ލޯނުގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ޤައުމީ ބޭންކް، ބީއެމްއެލް އިންނެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން، ބޭންކެއް މެދުވެރިކޮށް ނަގާ އެންމެ ބޮޑު ލޯނެވެ.
ބަޖެޓުގައި ބުނެފައިވާ ގޮތުން އެކުއެޓިކް ސެންޓަރު އިމާރާތްކުރުމަށް 76,802,497ރ ޚަރަދުވާނެއެވެ.
މި ޕޫލަކީ، ޗަމްޕާ އާއިލާގެ ފަރާތުން ބޮޑު ހޭދައެއްކޮށް، ފެތުމުގެ ދުނިޔޭގެ ޖަމިއްޔާ، ވޯލްޑް އެކުއަޓިކްސް އާއި ސްޕޯޓްސް މިނިސްޓްރީގެ ވެސް އެހީއާ އެކު ގާއިމްކުރާ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެކެވެ.
މި ތަނުގެ މަސައްކަތް، މިދިޔަ އަހަރުގެ ނިޔަލަށް ނިންމާލެވޭތޯ މަސައްކަތްކުރި ނަމަވެސް، އެކިއެކި ސަބަބުތަކާހުރެ އެކަން އެގޮތަށް ކުރެވިފައެއް ނުވެއެވެ.
އެހެންކަމުން ސްވިމިން އެސޯސިއޭޝަނުން ބޭނުންވީ، ލޯނު ނަގައިގެން ނަމަވެސް، ވީ އެންމެ އަވަހަކަށް އެތަނުގެ މަސައްކަތް އެއްކޮށް ނިންމާލުމަށެވެ.
މިއީ 1500 މީހުން އެއްފަހަރާ ބޭނުން ކުރެވޭ ގޮތަށް ފަރުމާކުރަމުން އަންނަ ސްވިމިން ޕޫލެކެވެ. ފެތުމުގެ ތަމްރީންތަކަށް ބޭނުންވާ ވަސީލަތްތަކާއެކު އެ ތަން ފަރުމާ ކުރެވިގެންދާއިރު، ހައިޖަމްޕް ފެސިލެޓީއެއްވެސް ހިމެނިގެންދާނެއެވެ.