މާލޭގެ ވަށައިގެންވާ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިމަސައްކަތް ކުރިއަށް ގެންދަނީ ޖަޕާންގެ ކުންފުންޏެއްކަމަށްވާ ޓޯޔޯ ކޮންސްޓްރަކްޝަނުންނެވެ. ޓޯޔޯ ކޮންސްޓްރަކްޝަނަކީ އޭޝިޔާ ބައްރުގައިވެސް ކޮންސްޓްރަކްޝަން ސައިިންސާއި ޑިޒާސްޓަރ ރެސިލިއަންސަށް ޚާއްސަ އުފެއްދުންތެރިކަމަށް މަޝްހޫރު ކުންފުންޏެކެވެ.
މާލޭގެ ބޭރުތޮށި މަރާމާތުކުރަން ސަރުކާރުން ނިންމެވީ ޒަމާންތަކެއްވެފައިވާ މިތޮށި ގަނޑަށް އެކިވަރުގެ ގެއްލުންތައްވެފައިވާތީއެވެ. މިހާރު ބޭނުން ކުރެވެމުން މިދާ ބޭރު ތޮއްޓާކީ 4 ފިޔަވައަސަކަށް ބަހާލައިގެން 1988 އަކުން ފެށިގެން 2002 އަކާއި ހަމަޔަށް ބިނާކޮށްފައިވާ ތޮށިގަނޑެކެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް އިންޖިނިއަރ އަޙްމަދު އައިމަން ޝަރީފް ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މާލޭގެ ބޭރުތޮށި ބިނާކުރިތާ ގިނަ ދުވަސްތަކެއް ވެފައިވުމާއި، އުދައެރުމުގެ ސަބަބުން ތޮށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ދިވެހި ސަރުކާރުން ޖަޕާން ސަރުކާރުގެ އެހީތެރިކަމަށް އެދުމުން އެގައުމުގެ ފަރާތުން އެކަމަށް އިޖާބަ ދެއްވައި، އެޤައުމުގެ ކުންފުންޏެއްކަމަށްވާ ޓޯޔޯ ކުންފުންޏާއެކު މިކަމުގެ އެއްބަސްވުމުގައި މިދިޔަ ފެބުރުއަރީމަހުގެ ތެރޭގައިވަނީ ސޮއިކުރައްވާފައެވެ.
އައިމަން ވިދާޅުވީ އެވުޒާރާއިން ކުރިއަށްގެންދިޔަ ސާވޭއަކުން ދައްކާގޮތުގައި، ގިނަ ދުވަސްވުމުގެ ސަބަބުންނާއި ރާޅުގެ އަސަރު ކުރުމުގެ ސަބަބުން ބޭރު ތޮށީގެ ބޮޑު ހިލަތަކާއި ޓެޓްރަޕޮޑްތައް ކަހާލައިފައިވާ ކަމަށާއި ކޮންކްރީޓް ފާރަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ.
އައިމަން ވިދާޅުވީ، ޤުދުރަތީ ކާރިސާތައް ގިނަވަމުންދާއިރު މި ތޮށިގަނޑުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތައް ކުރާނެ ކަމަށެވެ.
"ބޭރުތޮށި ބޭނުންވަނީ ސުނާމީއާއި އުދައެރުމާއި މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް. ތޮށިގަނޑަކީ ރައްކާތެރިކަން ފޯރުކޮށްދޭން ވަރަށް މުހިންމު ވަސީލަތެއް. މޫސުމީ ބަދަލުތަކާއެކު އުދައެރުމުގެ ހާދިސާތައް އިތުރުވަމުންދާތީ މި ތޮށި މަރާމާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް" އައިމަން ވިދާޅުވިއެވެ.
މިމަޝްރޫއާއެކު ރާޅުގަނޑު ސަރަހައްދުން ފެށިގެން ނޯތު ހާބަރާއި ރަސްފަންނު އަދި ސުނާމީ ބިނާ ހިމެނޭ ސަރަހައްދަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް އައިމަން ވިދާޅުވިއެވެ. އަދި މިމަޝްރޫޢާއެކު މާލޭގެ މަލަމައްޗަށްވެސް ބޮޑު ބަދަލެއް އަންނާނެއެވެ.
• ރާޅުގަނޑު ސަރަޙައްދުން ފެށިގެން ސިޓްރޯން ރެސްޓޯރަންޓާ ހަމައަށްވާ ތޮށިގަނޑު ރީ-ޕްރޮފައިލް ކުރުން.
• ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދު: މި ސަރަޙައްދުގެ ތޮށިގަނޑު މިހާރު ހުރި އުސްމިނަށްވުރެ 70 ސެންޓިމީޓަރު އުސްކޮށް، ރީ-ޕްރޮފައިލް ކުރުން.
• ބޭންކް އޮފް މޯލްޑިވްސް ކުރިމަތި: މި ސަރަޙައްދުގައި ބޭރަށް ޖައްސާފައިވާ ތޮށިގަނޑު މަރާމާތުކޮށް، ރީ-ޕްރޮފައިލް ކުރުން.
• މާލޭގައި ޤާއިމުކޮށްފައިވާ 16 ޕަމްޕް ސްޓޭޝަނެއް މޮނިޓަރ ކުރުމަށް ބޭނުންވާ އާލާތްތައް ހަރުކޮށް، މަރުކަޒީކޮށް މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.
މާލޭގެ އިރުމަތީ ފަރާތް ސަރަހައްދަކީ، އިރުވައި އަދި ހުޅަނގު މޫސުން ބަދަލުވާ ދުވަސްވަރު އާދަޔާ ޚިލާފަށް އުދައެރުމުގެ މައްސަލަ ބޮޑު ސަރަޙައްދެކެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށާއި، ދުއްވާ އުޅަނދުފަހަރަށާއި، ހިނގާބިނގާވެ އުޅޭ އާންމުންގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ މުދަލާއި ފުރާނައަށް ނުރައްކާވެ، އެކިވަރުގެ ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ނަމަވެސް ބޭރުތޮށި މަރާމާތުކުރުމުގެ މިމަޝްރޫޢާއެކު މިކަންކަމަށްވެސް ހައްލުލިބޭނެކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް މެއި މަހު ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.