ޚަބަރު

ޗައިނާއިން ރާއްޖެއަށް ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން


  • މިއީ މިއަހަރު މި އަދަދަށް ފަތުރުވެރިން އައި ފުރަތަމަ ޤައުމު

  • އަހަރުގެ މިހާތަނަށް 6 ލައްކަ ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރާއްޖެއަށް 6 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 684،908 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، ޗައިނާއިންނެވެ.

ޗައިނާއަކީ، އަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ފުރަތަމަ ޤައުމެވެ. މިމަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 100،185 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ، މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ %15 އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ޤައުމު:

* ޗައިނާ: 100،185 ފަތުރުވެރިން
* ރަޝިއާ: 84،739 ފަތުރުވެރިން
* އިނގިރޭސިވިލާތް: 65،105 ފަތުރުވެރިން
* އިޓަލީވިލާތް: 59،396 ފަތުރުވެރިން
* ޖަރުމަނުވިލާތް: 46،245 ފަތުރުވެރިން

އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 3 އެއާޕޯޓް:

* ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: 666،691 ފަތުރުވެރިން
* ގަން އިންޓަނޭޝަނަލް އެއާޕޯޓް: 2،813 ފަތުރުވެރިން
* މާފަރު އިންޓަނޭޝަނަލް އެއާޕޯޓް: 2،620 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 4 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން އަދި ހޮޓެލްތަކުގައި 18،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1298 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67،000 އިން މައްޗަށް އަރައެވެ.