ކުޅިވަރު

ނޮޅިވަރަމް ކައުންސިލް ކަޕް: ފްރެންޑްސް ޔުނައިޓެޑް ފެށީ މޮޅަކުން


  • ޗެމްޕިއަން ޓީމަށް 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ

  • މުބާރާތުގައި ބިދޭސީ 8 ކުޅުންތެރިން ފެނިގެންދާނެ

ޗެންޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއެކު ކުރިއަށްދާ ނޮޅިވަރަމު ކައުންސިލް ކަޕްގެ ފެށުން ފްރެންޑްސް ޔުނައިޓެޑުން ރަނގަޅުކޮށްފިއެވެ. ނޮޅިވަރަމު ދަނޑުގައި ކުރިއަށްދިޔަ މިމެޗު އެޓީމުން ކާމިޔާބުކުރީ ޓީމް ކޭޖީ އާއި ބައްދަލުކޮށް 5-0 އަކުންނެވެ.

ފްރެންޑްސް ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުގެ ފަސް ގޯލުގެ ތެރެއިން ދެ ގޯލު އާލިފް ޢަލީ ރަޝީދު ޖަހާފައިވާއިރު، ބިދޭސީ ކުޅުންތެރިޔާ މުހައްމަދު މުންސިފްވެސް ވަނީ ދެ ގޯލު ޖަހައިދީފައެވެ. އަދި ފަސްވަނަ ގޯލު ޖެހީ މުހައްމަދު ޝިފާނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޓީމަށް ކުޅެމުން އަންނަ ސްރީލަންކާގެ ކުޅުންތެރިޔާ މުހައްމަދު މުންސިފް މުހަައްމަދު މުހައިއްދީންއެވެ.

އެރަށު ކައުންސިލުން މައުލޫމާތުދީފައިވާ ގޮތުގައި މިއަހަރުގެ ނޮޅިވަރަމު ކައުންސިލް ކަޕުން ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާއި އަތޮޅުތެރެއިން ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއްގެ ހުނަރު ފެނިގެންދާނެއެވެ. މީގެއިތުރުން 8 ބިދޭސީ ކުޅުންތެރިން ވެސް މުބާރާތުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސްރީލަންކާގެ 3 ކުޅުންތެރިޔަކާއި، އުޒްބަކިސްތާން، މިސްރު، ނައިޖީރިއާ، ގާނާގެ އިތުރުންގެ ބްރެޒިލްގެ ކުޅުންތެރިންނެވެ.

ރަށުގެ ކުލަބު ޖަމްޢިއްޔާ، ޖަމާޢަތްތަކަށާއި ރަށުގެ ކުލަބުތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިފައިވާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމު ވާދަކުރެއެވެ. އެގޮތުން ގްރޫޕް އޭ ގައި ފްރެންޑްސް ޔުނައިޓެޑާއި ޓީމް ކޭޖީގެ އިތުރުން ކަންމަތި ޖެއާރް ހިމެނޭއިރު، ގްރޫޕް ބީ ގައި ވާދަކުރަނީ ކަންމަތި އެސްސީއާއި ފާއިތުވެދިޔަ އަހަރުގެ ޗެންޕިއަނުންކަމަށްވާ ކްލަބް ކްލަސްޓާގެ އިތުރުން ޗަކުލީ އާރްސީއެވެ.

މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.