އެމެރިކާގެ މޭޖަރ ލީގު ސޮކާގައި ނިއު ޔޯކް ރެޑް ބުލްސްއާ ދެކޮޅަށް ކުޅެ، އިންޓަރ މަޔާމީ އިން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
މަޔާމީގެ އެންޔޫ ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ އެންވައި ރެޑްބުލްސް އިންނެވެ. މެޗު ފަށައިގެން 15 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޯހޭ ރުއަލްކަބާއެވެ.
ލީޑުގައި އޮވެ އެ ޓީމުން ފުރަތަމަ ހާފު ނިންމާލުމުގެ އުއްމީދުގައި ކުޅެމުން ދަނިކޮށް، މި ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައި މަޔާމީން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓިއޯ ސިލްވެޓީއެވެ.
ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެ ޓީމުން މެޗުގެ ދެވަނަ ހާފު ފެށިއިރު މި ހާފުގައި ފުރަތަމަ ލަނޑު ޖަހައި މަޔާމީން ވަނީ ލީޑުނަގާފައެވެ. ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު، މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖާމަން ބާޓެރާމީއެވެ. މިއީ މަޔާމީގެ ޖާޒީގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
މި ނަތީޖާއާއެކު މަޔާމީން މެޗުން މޮޅުވާން ދަނިކޮށް، 77 ވަނަ މިނެޓުގައި އެންވައި ރެޑްބުލްސްއިން ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޑްރީ މެހްމަޓީއެވެ.
މި ނަތީޖާއާއެކު ލިބުނު އެއް ޕޮއިންޓާއެކު މަޔާމީއަށް ވަނީ ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ. ތާވަލުގެ ތިންވަނައިގައި މަޔާމީ އޮތީ ކުޅުނު 7 މެޗުން 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޗިކާގޯ 13 ޕޮއިންޓާއެކު އޮތްއިރު އެއްވަނައިގައި ނެޝްވިލް އޮތީ 16 ޕޮއިންޓު ހޯދައިގެންނެވެ.
މަޔާމީ އަތުން ޕޮއިންޓެއް ހޯދީ އެންވައި ރެޑްބުލްސްއަށް ހަތް މެޗުން 11 ޕޮއިންޓާއެކު ލިބެނީ ހަތްވަނައެވެ.