ޚަބަރު

ވޭޕާއި ގުޅުންހުރި 20 މައްސަލަ: 82 މީހަކު ޖޫރިމަނާ


  • ޖޫރިމަނާގެ ޖުމްލަ އަދަދަކީ 407,000 ރުފިޔާ

  • ވޭޕް ބޭނުންކޮށްގެން 52 މީހަކު ޖޫރިމަނާކޮށްފައިވޭ

ވޭޕާއި އީ-ސިނގިރޭޓާއި ގުޅުންހުރި އެކި މައްސަލަތަކުގައި މިދިޔަމަހު 82 މީހަކު ޖޫރިމަނާކޮށްފިއެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މައްސަލަތަކުގައި ޖުމްލަ 407,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

2024 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް މަނާކޮށްފައިވާއިރު، ފުލުހުން އަންނަނީ ވޭޕާއި އީ-ސިނގިރޭޓާއި ގުޅުންހުރި މައްސަލަތަކުގެ ތަފާސްހިސާބު ކޮންމެ މަހަކުވެސް އާއްމުކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަމަހު ވޭޕާއި އީ-ސިނގިރޭޓާ ގުޅުންހުރި 20 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެތެރޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން ވިޔަފާރިކުރުމުގެ މައްސަލަތައް ހިމެނެއެވެ.

ފުލުހުންގެ ތަފާސްހިސާބު:

  • - ވޭޕް އަދި އީ-ސިނގްރޭޓް ބޭނުންކުރުމުގެ 9 މައްސަލައެގައި 52 މީހަކު ޖޫރިމަނާކޮށްފައިވޭ
  • - ވޭޕް އަދި އީ-ސިނގްރޭޓް ގެންގުޅުމުގެ 7 މައްސަލައެއްގައި 30 މީހަކު ޖޫރިމާނާކޮށްފައިވޭ
  • - ވޭޕް އަދި އީ-ސިނގްރޭޓް ގަނެ ވިއްކުމުގެ 1 މައްސަލަ

ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ. ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.

އަދި މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

ޤާނޫނާ ޚިލާފުވާ މީހުންނަށް މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައި ފުލުހުން ފޮނުވާނެއެވެ. ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤާނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.