ޚަބަރު

ނިއުއާ ދެކޮޅަށްވެސް ނިކުންނާނީ މޮޅުވާން: ބްލޫގެ ކޯޗު


  • ކުޅުންތެރިންނަށް ވިސްނައިދެނީ މިއީ މޮޅުވާންޖެހޭ މެޗެއްގެ ގޮތުގައި

  • ސެމީގައި ނިއުއާއި ބްލޫގެ ކުރިމަތިލުން އޮންނާނީ ބުދަ ދުވަހުގެ ހަވީރު

މިހާރު ކުރިއަށްދާ އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ވެސް ނިކުންނާނީ މޮޅުވުމުގެ ވަރުގަދަ އަޒުމުގައިކަމަށް ބްލޫ ސްޕޯޓްސް ކުލަބުގެ ކޯޗު ސަރާޙް އަޙްމަދު ބުނެފިއެވެ.

ބްލޫ ސްޕޯޓްސް ކުލަބަކީ މި މުބާރާތުގައި ތިންވަނަ ޑިވިޝަނުން ވާދަކުރާ ޓީމެކެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބްލޫ އިން ވަނީ، ފުރަތަމަ ޑިވިޝަނުގެ ކްލަބް އީގަލްސްގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދާފައެވެ.

މި ނަތީޖާ ވެގެންދިޔައީ ގިނަބަޔަކަށް ހައިރާންކަން ގެނުވި ނަތީޖާއަކަށެވެ. ސަބަބަކީ ތިންވަނަ ޑިވިޝަނަށް ނިސްބަތްވާ ޓީމަކުން، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކާމިޔާބު މާޒީއެއް އޮތް ޓީމެއް ކަޓުވާލައި، އެފްއޭ ކަޕުގެ ސެމީގެ ޖާގައެއް ހޯދީތީއެވެ.

މި މޮޅާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު ސަރާޙް ބުނީ، މި މޮޅު ހާއްސަކޮށްލަން ބޭނުންވަނީ ކުލަބުގެ މެނޭޖްމަންޓާއި ޓީމުގެ ކުޅުންތެރިންނަށް ކަމަށެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މަދު މެޗުތަކެއް ކުޅެގެން މިފަދަ ތާރީޚީ މޮޅެއް ބްލޫއަށް މި ހޯދުނީ، ކުޅުންތެރިންނާއި މުޅި ޓީމުންކުރި ބުރަ މަސައްކަތުގެ ސަބަބުންކަން އޭނާ ފާހަގަކުރިއެވެ.

ސަރާޙް ބުނީ، އީގަލްސްއާ ދެކޮޅަށް ނުކުތްއިރު ވެސް ޓާގެޓަކަށްވީ މޮޅުވުން ކަމަށާއި ސެމީ ފައިނަލް މެޗުގައި ވެސް ނުކުންނާނީ އެ އަޒުމުގައި ކަމަށެވެ.

"މި މެޗުން މޮޅުވުމަށް ހަމަ ނުކުތީ. މޮޅުވީމަ ވަރަށް ހިތްހަމަޖެހޭ. ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ޖުމްލަ ގޮތެއްގައި. އީގަލްސްއާ ދެކޮޅަށް ނުކުތީ އެއީ ފަސްޓް ޑިވިޝަން ޓީމެއްގެ ގޮތުގައި ދެކިގެން. އީގަލްސް ކުރި ހިތްވަރަށް ހަމަ އައްސަރިބަހާ ސާބަސް. ސިޓުއޭޝަނެއްގައި އޮތް ޓީމަކާ ބަލާފަ ހަމަ ރަނގަޅު ފައިޓެއް ދިން. އަޅުގަނޑުމެން މި ބަލަނީ ހަމަ ކުރު މުއްދަތެއްގެ ތެރޭގައި ވެސް ރަނގަޅު ތައްޔާރީތަކެއްވެ، ދެން އިން މެޗުވެސް ކާމިޔާބުކުރުމުގެ އަޒުމުގައި ނުކުންނާނީ ހަމަ. ކުޅުންތެރިން ތައްޔާރުކުރާނީ ވެސް ހަމަ އެގޮތަށް". އީގަލްސްއާ ދެކޮޅަށް ބްލޫއިން ހޯދި ކާމިޔާބީއާއި ކުރިއަށް އޮތް މެޗާ މެދު ކުރެވޭ އުއްމީދުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ސަރާޙް ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ބްލޫ ސްޕޯޓްސް ކުލަބުގެ މެނޭޖްމަންޓްގައި ތިބި ފަރާތްތަކަކީ، މީގެ ދުވަސްތަކެއް ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިސްވެރިންގެ ގޮތުގައި ތިބި ފަރާތްތަކެކެވެ. ބްލޫ އަކީ، ސަސްޕެންޝަނާ ގުޅިގެން ނިއުއަށް ކުރިމަތިވި ކަންތައްތަކުގެ ތެރެއިން އުފަންވި ޓީމެކެވެ.

އެހެންކަމުން ސެމީ ފައިނަލުގައި ބްލޫއާއި ނިއު ބައްދަލުކުރުން ވެގެންދާނީ މި ދެ ޓީމަށް ވެސް ވަރަށް ޙާއްސަ ކަމަކަށެވެ.

ނިއުރޭޑިއަންޓޫން މުބާރާތުގެ ސެމީގެ ޖާގައެއް ހޯދީ، ކުއާޓަރ ފައިނަލުގައި އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް 0-4 އިން ކުރިހޯދައިގެންނެވެ.

ނިއުރޭޑިއަންޓަކީ އެފްއޭ ކަޕުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ކުލަބުން ވަނީ ޖުމްލަ 12 ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ދެ ފަހަރަށް މުބާރާތުގެ ތަށި މިލްކުކޮށްފައިވެސް ވެއެވެ. މިއީ އެހެން އެއްވެސް ޓީމަކަށް ހޯދިފައިވާ ޝަރަފެއް ނޫނެވެ.