2017ވަނަ އަހަރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ، އެތަން ތަރައްޤީކުރުމުގެ ބޮޑެތި ގިނަ މަސައްކަތް ހަވާލުކޮށް ކުރިއަށްގެންދިޔައީ ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ޚިދުމަތް ދިނުމަށް ބޭނުންވާ ޓްރާންސްފޯމަރުތަކާއި ނެޓްވޯކްގެ މަސައްކަތްވެސް ކުރިއަށްގެންގޮސްފައިވަނީ ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.
ނަމަވެސް އެތަނަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ ސްޓެލްކޯގެ އިންޖީނުގެ މެދުވެރިކޮށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑޭ މައްސަލައަކީ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އަދި ކަރަންޓު ކެނޑި ޙައްލުވާން ގިނަ ވަގުތު ނެގުމަކީ އެކަމުގައި ރައްޔިތުން އެތައް ތަކުލީފެއް އުފުލާ ކަމެކެވެ.
ސްޓެލްކޯއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ޙިއްސާކުރައްވަމުން ވިދާޅުވީ، ޗައިނާ ކުންފުނިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކަރަންޓު ދިނުމަށް މައި 4 ކޭބަލެއް އަޅާފައިވާކަމަށެވެ. ޗައިނާ ކުންފުންޏާއެކު މި މަސައްކަތް ހަވާލުކޮށް ކުރިއަށްދެންދިޔައީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިންނެވެ.
އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ތެރެއިން، މިހާތަނަށް އެތައް ފަހަރަކު މި ނެޓްވޯކަށް ގެއްލުން ވަނީ ލިބިފައެވެ.
ސްޓެލްކޯއިން ވިދާޅުވީ، މިގޮތަށް ކޮންސްޓްރަކްޝަން އެކި މަސައްކަތް ކުރިއަށްގެންދިއުމުގެ ތެރޭގައި، މައި 4 ކޭބަލްގެ ތެރެއިން 1 ކޭބަލްއަށް ގެއްލުންވެފައިވާކަމަށެވެ. ކަރަންޓު ކެނޑުމުގެ މައްސަލަ މިފަހުން ކުރިމަތިވެފައިވަނީ 3 ކޭބަލުން ކަރަންޓުން ދޭން ޖެހުމުގެ ސަބަބުން، ލޯޑު ބޯޑުވެގެންކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މައްސަލަ ދިމާވި ކޭބަލް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ސްޓެލްކޯއިން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކޮންސްރަކްޝަން މަސައްކަތްތައް ކުރިއަށްގެންދާ ފަރާތްތަކުން، މިކަމަށް ވީހާވެސް ބޮޑަށް ސަމާލުވުމަށް އެދިފައެވެ. އަދި ކޮނުމުގެ މަސައްކަތް ކުރިއަށްގެންދާނަމަ، އެޗްޑީސީއާ ގުޅިގެން، ކޭބަލް ނެޓްވޯކް އަޅާފައިވާ ސަރަޙައްދުތަކަށް ސަމާލުކަން ދީގެން އެކަން ކުރިއަށްގެންދިއުމަށް އެދިފައެވެ.
މައްސަލައެއް ދިމާވާ ޙާލަތުގައިވެސް ވީހާވެސް އަވަހަށް އެކަން އަންގާ، އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ. ސްޓެލްކޯއިން ވިދާޅުވީ ކޭބަލަކަށް ގެއްލުންވާ ބައެއް ޙާލަތްތަކުގައި އެ މައުލޫމާތު ޙިއްސާނުކުރާ ފަހަރުވެސްދާކަމަށާއި މިއީ ކަންބޮޑުވާ ކަމެއްކަމަށެވެ.
ފޭސް2ގެ ކަރަންޓުގެ މައްސަލައިގެ އިތުރުން، އެތަނުން އަލަށް ދޫކޮށްފައިވާ ގެތައް ހިމެނޭ ސަރަޙައްދަށް ކަރަންޓާއި އެހެނިހެން ޔުޓިލިޓީ ނެޓްވޯކްތައް އަޅާފައި ނެތުމަކީވެސް އެ ސަރަޙައްދުން ގޯތި ލިބުނު މީހުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ދާދިފަހުން ހާމަކޮށްފައިވެއެވެ.