ޚަބަރު

އެމެރިކާގެ "ބާރުގަދަކަން" އޮތީ އަމިއްލަ ތަސައްވުރެއްގެ ގޮތުގައި


އީރާނަށް ފިއްތުންތައް ކުރިމަތިކޮށް، ގަދަބާރުން މަޖުބޫރުކޮށްގެން އެ ޤައުމުގެ ސިޔާސަތުތަކަށް ބަދަލުގެނެވޭނެ ކަމަށް އެމެރިކާއިން ދެކުމަކީ ޙަޤީޤާތާ ޚިލާފު އުންމީދެއްގެ ގޮތުގައި ތެހްރާން ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ވަރލްޑް ސްޓަޑީޒްގެ ދާރިސް ޒުހުރާ ޚަރާޒްމީ ސިފަކުރައްވައިފިއެވެ. ދާދިފަހުން ދެއްވި ބަސްދީގަތުމެއްގައި އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ހުރްމުޒް ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާތްގަނޑަކަށް ހަ ހަފުތާއަށް ދެމިގެންދިޔަ ހަނގުރާމައަށް ފަހު ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނާ ދެމެދު ބޭއްވި ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުވެފައިވާ ކަމުގައި ބުނެ، އެމެރިކާއިން ވަނީ އެ ވާހަކަތަކުން ވަކިވެފައެވެ. އެއަށްފަހު، އެމެރިކާއިން ވަނީ ހުރްމުޒް އެ މީހުންގެ އަތްދަށަށް ގެންދާނެ ކަމުގައި އިންޒާރު ދީފައެވެ. މި ކަމަށް އިޝާރާތް ކުރައްވައި ޚަރާޒްމީ ވިދާޅުވީ، މި ފަދަ އިންޒާރުތަކަށް ތެހްރާނުން ފަސްނުޖެހޭނެ ކަމަށާއި، އިންޒާރުތަކާ ގުޅިގެން ތެހްރާންގެ ސިޔާސަތުތަކާއި، މަޝްވަރާތަކުގައި އިސްކޮށްފައިވާ ހަރުދަނާ ސިޔާސަތުތަކަށް ބަދަލެއް ގެނެވޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައެވެ.

""ހުރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު [އެމެރިކާއިން] ދީފައިވާއިރު، އެއީ މަސްރަޙުގެ ގޮތުން ކުރިމަތިވަމުންދާ ދަތިތަކާ ކުރިމަތިލުމުގެ ޤާބިލުކަން ހުރި މިިންވަރު ވަޒަންކުރުމަށް ދިން އިންޒާރެއްގެ ގޮތުގައި ބެލެވިދާނެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި ހަފުތާގައި އެކަނިވެސް އީރާނުން ވަނީ 150 މިލިޔަން ފީފާ ތެޔޮ ވިއްކާފައި. އަދި އަވައްޓެރި ޤައުމުތަކާ އެކު އޮތް ސަރަޙައްދީ ރޮނގު މެދުވެރިކޮށް، ޤައުމަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމުގެ ފުރުސަތު އީރާނަށް އެބައޮތް،" ޚަރާޒްމީ ވިދާޅުވިއެވެ.

އީރާންގެ ނިންމުންތައް ބަދަލުކުރުވުމަށް ބާރު ދައްކައިގެން މަޖުބޫރުކުރުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަކީ، އެ ޤައުމުގެ ޙަޤީޤީ ޤާބިލުކަމާ ނުބައްދަލު މަސައްކަތްތަކެއް ކަމުގައި ވެސް ޚަރާޒްމީ ވިދާޅުވިއެވެ. އަދި، ދުޝްމަނުންގެ ކޮންމެ ފަދަ ޙަމަލާއަކަށް ނުވަތަ ރައްދު ޙަމަލާއަކަށް އީރާނުން ފުރިހަމައަށް ތައްޔާރަށް އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލަކީ އެ ސަރަޙައްދުގެ ސަލާމަތީ އޮނިގަނޑުގެ މައިގަނޑު އެއް އަސާސްގެ ގޮތުގައި ޚަރާޒްމީ ފާހަގަަކުރެއްވިއެވެ. މީގެ އިތުރުން، ތެލުގެ މުޢާމަލާތުތަކުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ޔުއާން ބޭނުންކުރަން ފެށުމުން، ދުނިޔޭގެ އިޤުތިޞާދީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.