ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 41 އެއަރލައިނަކުން ދަތުރުކުރަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރު ނިމުނު އިރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
ރާއްޖެއަކީ އަބަދުވެސް ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ ޝައުގުވެރިކަން ބޮޑު މަންޒިލެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން، ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަރލައިންތަކުން ވަނީ ދަތުރުކުރުން ވަގުތީގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް މި އެއަރލައިންތަކުން އަލުން އަންނަނީ ރާއްޖެއަށް ދަތުރުތައް ފަށަމުންނެވެ.
މި ދަނޑިވަޅުގައިވެސް ރާއްޖެއަށް އަންނަ އެއަރލައިންތަކުގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ދިޔައީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން މެދުއިރުމަތީގައި ޓްރާންސިޓް ނުވެ އަންނަ ފްލައިޓްތައް އިތުރުކުރުމާއި އަދި އެހެނިހެން ސަރަޙައްދުތަކުން އަންނަ އެއަރލައިންތަކުގެ އަދަދު އިތުރުކުރުން ހިމެނެއެވެ.
އެމްއޭސީއެލްއިންގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިވަގުތު ބައިނަލްއަޤްވާމީ 41 އެއަރލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަސް ނިމުނުއިރު ރާއްޖެއަށް ދަތުރުކޮށްފައިވަނީ 35 އެއަރލައިނެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިއީ 6 އެއަރލައިންގެ އިތުރުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ވަޒީރުންގެ ކޮމެޓީގެ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖެއަންނަ ޖެޓްތަކުގެ އަދަދުވެސް އިތުރުވަމުން އަންނަކަމަށެވެ. އަދި މެދުއިރުމަތީގެ ފްލައިޓްތަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އިތުރު އެހެން ސަރަޙައްދުތަކުގެ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާކަމަށާއި އަދި ދަތުރު ފެށުމަށްވެސް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މާރިޗު މަހަށް އެކަނި ކޮންޕެއަރކޮށްލިއަސް ގާތްގަނޑަކަށް %125 އިން %130 ގެ ގެނެވުނު އެއީ ޖެޓް ހޭންޑްލިންގައި. އެއީ މާރިޗު މަހު ގާތްގަނޑަކަށް 80 ވަރަކަށް ރިކޯޑްކޮށްފައި މި ހުންނަނީ ޖެޓު ރާއްޖެއަށް އަންނަ. އެކަމަކު 190 ވަރަކަށް ޖެޓު ގެނެވުނީމަ އެއީ ހުރިހައި މިނިސްޓްރީ ގުޅިގެން ކުރެވުނު މަސައްކަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ. މެދުއިރުމައްޗަށް އަޅުގަނޑުމެން ހަމައެކަނި ބިނާވެފައި އޮތް ބިނާވުން ޑައިވަރސިފައި ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރޭގައި އެޑުލްވައިސްވެސް އިތުރުކުރެވުން އަދި އޭގެތެރެއިން އޭޝިއާ ބައްރުން ކުރީ ދުވަހުވެސް އަޅުގަނޑު ދަންނަވާލި އެއަރ އޭޝިއާއާއި އެއަރ އިންޑިއާގެ ފްލައިޓްސްތައް އިތުރުކުރެވުނޭ. އަދި އޭގެއިތުރަށް ޓާކިޝްއެއަލައިންގެ ފްލައިޓްވެސް އިތުރުކުރެވުނު." ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް މިވަގުތު ދަތުރުކުރާ އެއަރލައިންތަކުގެ ތެރޭގައި ގިނައީ އޭޝިއާ ސަރަޙައްދުގެ އެއަރލައިންތަކެވެ. އެގޮތުން އޭޝިއާ ސަރަޙައްދުގެ 16 އެއަރލައިނަކުން ދަނީ ދަތުރުކުރަމުންނެވެ. ޔޫރަޕްގެ 13 އެއަރލައިނަކުން އަދި މެދުއިރުމަތީގެ 6 އެއަރލައިނަކުން ދަތުރުކުރެއެވެ.