ޚަބަރު

ބެލެނިވެރިކަމާ ހަވާލުވުމުން ޚާއްސަ ޗުއްޓީ ދޭގޮތަށް ޤަވާއިދު އިސްލާހުކޮށްފި


  • ޗުއްޓީދޭނީ މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް

  • ކުއްޖާގެ އުމުރުން 6 މަސް ވަންދެން ޗުއްޓީ ލިބޭނެ

  • ކުއްޖާއަށް 6 މަސްވެފައިވާނަމަ 30 ދުވަހުގެ ޗުއްޓީއެއް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިންގެ ބެލިނިވެރަމާ ހަވާލުވާ މުވައްޒަފުންނަށް ޚާއްޞަ ޗުއްޓީދޭ ގޮތަށް ސިވިލް ސަރވިސް ޤަވާއިދު އިސްލާހުކޮށްފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން ފޮސްޓަރކުރާ އާއިލާތަކަށް ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް މިމަހު ހަމަޖެހިގެންދާނެކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ހާމަކުރެއްވީ މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަދި މިހާރު ވަނީ އެކަން ހަމަޖައްސާ ސިވިލް ސަރވިސް ޤަވާއިދަށް އިސްލާހު ގެނެސްފައެވެ.

ސިވިލް ސަރވިސް ޤަވައިދަށް ގެނައި އިސްލާޙްގައި ވަނީ ފޮސްޓަރ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ހަވާލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއ،ި މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ކުއްޖާއާމެދު އިހުމާލުވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށްފަހު ކުދިން ބެލެހެއްޓުން ދައުލަތުން ހަވާލުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗުއްޓީ ދެވޭނެ ގޮތް އެކުލަވާލާފައެވެ.

މި އިސްލާޙްގައި ވާގޮތުން ކުއްޖާއާ ހަވާލުވިއިރ،ު ކުއްޖާގެ އުމުރުން 6 މަސްދުވަސް ނުފުރޭނަމަ، ކުއްޖާގެ އުމުރުން 6 މަސްދުވަސް ހަމަވާ ތާރީޚާ ހަމަޔަށް މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ޚާއްޞަ ޗުއްޓީއެއް ލިބޭނެއެވެ. އަދި ކުއްޖާއާ ހަވާލުވިއިރ،ު ކުއްޖާގެ އުމުރުން 6 މަސްދުވަސް ފުރިފައިވާ ނަމަ ނުވަތަ 6 މަސްދުވަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، 30 ދުވަހުގެ ޗުއްޓީއެއް މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ލިބޭނެއެވެ.

އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް މީގެ ކުރިން ވިދާޅުވެފައިވަނީ "ޓެމްޕަރަރީ ފޮސްޓަރިން"ގެ ނަމުގައި އެކަމުގައި ލުއިގޮތްތަކެއް ހަމަޖައްސާފައިވާކަމަށާއި، ކުދިން ފޮސްޓަރކުރާ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތިކަން ހުރި އާއިލާތަކަށް ދައުލަތުގެ ތެރެއިން ކުއްޖަކަށް 5000 ރުފިޔާ މަހަކު ލިބޭގޮތަށް ޚާއްސަ އެލަވަންސްއެއް ހަމަޖައްސާފައިވާކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރާ މިންވަރު މިހާރު އިތުރުވަމުންދާއިރު 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް 111 ކުއްޖަކު އާއިލާތަކާ ޙަވާލުކޮށްފައިވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން ފޮސްޓަރކުރާ އާއިލާތަކަށް ޚާއްޞަ ޗުއްޓީއެއްދިނުމަށް ހަމަޖައްސާފައިވާއިރު މިދިޔަ މަހު ވަނީ ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުން އެ ދަރިފުޅަށް ވަގުތު ދެވޭނެ ގޮތް ވެސް ހަމަޖައްސާފައެވެ. އެގޮތުން މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދޭން ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ކުރިން ޤާނޫނުގައިވާ ގޮތުން ވަޒީފާގެ ވަގުތުން ދަރިފުޅަށް ވަގުތު ދެވޭނީ ދަރިފުޅަށް 1 އަހަރުވަންދެނެވެ.

ނަމަވެސް ޤާނޫނަށް ގެނައި އިސްލާހުގައިވާގޮތުން ވިހެއުމަށްފަހު ލިބޭ ޗުއްޓީއަށްފަހު މުވައްޒަފު އަނބުރާ ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 އަހަރު ދުވަސް ވަންދެން އެ ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ވަގުތު ދޭން ޖެހޭނެއެވެ. އެގޮތުން، މުސާރައިން ނުކެނޑޭގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެފަހަރު ދޭން ޖެހޭނެކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.