ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް އެމެރިކާއިން އީރާންގެ ބަނދަރުތައް ޙިޞާރުކޮށްފައި އޮތް ނަމަވެސް، ވޮޝިންގްޓަނުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޗައިނާގެ ތެޔޮ އުފުލާ އުޅަނދެއް އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކޮށްފިއެވެ. ހުރްމުޒް ބަންދުކޮށް، އީރާންގެ ބަނދަރުތައް ޙިޞާރުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުން ތަންފީޒުކުރަން ފަށާފައި ވަނީ އެޕްރީލު 13 ވަނަ ދުވަހުއެވެ. މިއީ، ޓްރަމްޕްގެ ޙިޞާރު ތަންފީޒުކުރަން ފެށި ފަހުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އުޅަނދެއް ހުރްމުޒް ހުރަސްކުރި ފުރަތަމަ ފަހަރެވެ.
ކަނޑު ދަތުރުފަތުރުގެ ހަރަކާތްތައް ބަލަހައްޓާ ކެޕްލަރ އަދި މެރިންޓްރެފިކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހުރްމުޒް ހުރަސްކޮށް ދަތުރުކޮށްފައި ވަނީ ޗައިނާގެ ޝޮންގްހާއި ޝުއަންރަން ޝިޕިންގް ކުންފުނީގެ "ރިޗް ސްޓާރީ" ގެ ނަންދީފައިވާ ތެޔޮ އުފުލާ ޓޭންކަރެވެ. އެ އުޅަނދު ހުރްމުޒް ހުރަސްކޮށްފައި ވަނީ އެ ސަރަޙައްދު ބަންދުކުރުމަށް ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ މަނަވަރުތައް ހުރަސްކޮށް ކަން ކެޕްލަރއާއި މެރިންޓްރެފިކްގެ މަޢުލޫމާތުން ސާފުވެެއެވެ.
އެމެރިކާއިން ރިޗް ސްޓާރީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ، އީރާންގެ ސާފުނުކުރާ ތެޔޮ އުފުލުމުގެ ސަބަބުންނެވެ. ނަމަވެސް، މި ފަހަރު އެ އުޅަނދު ފުރާފައި ވަނީ އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) ޙަމްރިއްޔާ ބަނދަރުން ތެޔޮ ބަރުކޮށްގެންނެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، ޓްރަމްޕްގެ ޙިޞާރު ތަންފީޒުކުރަމުން ދަނީ އީރާނަށް ބަނދަރުކުރާ، އަދި އެ ޤައުމުން ފުރާ އުޅަނދުފަހަރަށް އެކަނި ކަމުގައެވެ.
ނަމަވެސް، ހުރްމުޒުން ދަތުރުކުރާ ހުރިހާ އުޅަނދަކަށް ހުރަސްއަޅައި، ހުރިހާ އުޅަނދެއް ހުއްޓުވާނެ ކަމުގެ އިންޒާރު ޓްރަމްޕް އޮތީ ދެއްވާފައެވެ. ރިޗް ސްޓާރީގެ އިތުރުން، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އެހެން އުޅަނދެއް ވެސް ދާދިފަހުން ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކޮށްފައެވެ. އެއީ، ރަޝިޔާއާއި އީރާންގެ ތެޔޮ އުފުލުމުގެ ސަބަބުން އެމެރިކާއިން ފިޔަވަޅު އަޅާފައިވާ "މުރްލީކިޝަން"އެވެ. އެ އުޅަނދު ދަތުރުކޮށްފައި ވަނީ ޢިރާޤުގެ ބަނދަރަކަށެވެ.