ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިއުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން، އިންތިޚާބުގައި ވޯޓުލާ މަރުކަޒުގެ ވެރިޔާއާއި އެހީތެރިންނާއި އޮފިޝަލުން އަދި ރިޒާވް އޮފިޝަލުންނަށްވުމަށް އެދި ހުށަހެޅޭނެއެވެ.
މި އިންތިޚާބުގައި ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2،200 ރުފިޔާގެ އުޖޫރައެއް ކަނޑައަޅާފައިވާއިރު ވެރިޔާގެ އެހީތެރިންނަށް 1،900 ރުފިޔާ، އޮފިޝަލުންނަށް 1،800 ރުފިޔާ، އަދި ރިޒަރވް އޮފިޝަލުންނަށް 1000 ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މަސައްކަތްކުރާ ގަޑިތަކަށްބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޮފިޝަލުންނަށްވުމަށް އެދި ހުށަހެޅޭނީ ޢުމުރުން 18 އަހަރުވެފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ މީހުންނަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައި ފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމަކީވެސް އިންތިޚާބުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ހުންނަންޖެހޭ ޝަރުތުތަކެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި މި އޮފިޝަލުން ތަމްރީން ކުރުމަށް ބާއްވާ ޕްރޮގްރާމް އަންނަ ޖޫން މަހުގެ 1 އިން 3 އަށް ކުރިއަށްގެންދާނެއެވެ.
އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 3:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.