ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 7ވަނަ ސީޒަންގެ އޮޑިޝަންތައް ފަށައިފިި


  • ފުރަތަމަ އޮޑިޝަނުން 2ވަނަ ބުރަށް 23 ބައިވެރިން ހޮވާފައިވޭ

  • ދެވަނަ އޮޑިޝަން ހޮނިހިރު ދުވަހު ބާއްވާނެ

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 7 ވަނަ ސީޒަންގެ އޮޑިޝަންތައް ފަށައިފިިއެވެ. މިފަހަރުގެ މުބާރާތަށްވެސް ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅާފައެވެ.

ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމް ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި މުބާރާތަކީ، ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުޤުވެރިވާ ޒުވާނުންނަށް ޚާއްސަ ކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.

ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި މައުލޫމާތު ދެއްވަމުން މި މުބާރާތުގެ ޕްރޮޑިއުސަރ ނާފިޒާ ވިދާޅުވީ، ރޭޑިއޯ ޕްރެޒެންޓް ކުރުމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް އަމާޒު ކޮށްގެން ޕީއެސްއެމުން ކުރިއަށްގެންދާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ސީޒަން 7ގެ ފުރަތަމަ އޮޑިޝަން އިއްޔެ ބާއްވާފައިވާ ކަމަށެވެ. އަދި މި އޮޑިޝަނުން 23 ބައިވެރިއަކު ދެވަނަ އޮޑިޝަނަށް ހޮވާފައިވާ ކަމަށެވެ.

މި މުބާރާތުގެ ދެވަނަ އޮޑިޝަން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އޮޑިޝަނުން މުބާރާތުގެ މައިގަނޑު ބުރުތަކަށް ހޮވާނީ، 16 ބައިވެރިންނެވެ. މުބާރާތުގެ ކުރިއަށް ހުރި ބުރުތައް ކުރިއަށްދާނީ، މި 16 ބައިވެރިންނާ އެކުގައެވެ.

މިއީ ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާގައި މަސައްކަތް ކުރާ ހިތްވާ ޒުވާނުންނަށް އެ ފުރުޞަތު ފަހިކޮށްދީ، އެފަދަ ޒުވާނުންގެ ހުނަރު ތަރައްޤީ ކޮށްދިނުމުގެ މަޤްޞަދުގައި، ރިއަލިޓީ ޝޯވއެއްގެ ގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ. އަދި ޓީވީއެމް މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ގެނެސްދޭނެއެވެ.

މިއަހަރުގެ މި މުބާރާތަށް ވެސް އަގުހުރި އިނާމުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، މުބާރާތުގެ ޓައިޓަލް ކާމިޔާބުކުރާ ފަރާތަކަށް މުބާރާތުގެ ޓައިޓްލް އެވޯޑުގެ އިތުރުން 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މުބާރާތުގެ 2 ވަނައަށް 25،000 އަދި 3ވަނައަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ ކުރީގެ ސީޒަންތަކަށް ގިނަ ބައެއްގެ ތަރުޙީބު ލިބިފައިވާއިރު، އަމަލީ މައިދާނަށް ފަންނުވެރި ޒުވާނުންތަކެއް ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކޮށް ގަދަ 5 ވަނައިގައި ހިމެނުނު ބައިވެރިންގެ ތެރެއިން 5 ވަނައަށް ދިޔަ ޢަލީ ޙަސީންއާއި، 3 ވަނައަށް ދިޔަ ޢަލީ ޖައިޝަން އާމިރު އަދި ފަޚުރުވެރި 1 ވަނަ ހާސިލްކުރި އާއިޝަތު ފިނާ ފިރާޤަކީ މިދާއިރާގައި މިހާރު ފިޔަ ޖަހަމުން އަންނަ 3 ޕްރެޒެންޓަރުންކަން ފާހަގަ ކޮށްލެވެއެވެ.

މި ޕްރެޒެންޓަރުންގެ ހުނަރު ދަނީ، ރޭޑިއޯ ފަހަނައަޅައި ޓީވީގެ އެކިއެކި ޕްލެޓްފޯމްތަކުގެ އިތުރުން ލައިވް އިވެންޓްތަކުންވެސް ފެންނަމުންކަން ފާހަގަކޮށްލެވެއެވެ.