އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި ބްލޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މުބާރާތް 12 ފަހަރަށް ކާމިޔާބުކޮށްފައިވާ ނިއު އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ، ސެމީ ފައިނަލުގައި، މި މުބާރާތުގެ ތާރީޚުގައި ވެސް ތިންވަނަ ޑިވިޝަނަށް ނިސްބަތްވާ ހަމައެކަނި ޓީމުގެ ގޮތުގައި މި މުބާރާތުގައި ކުޅެމުން އައި ބްލޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 0-7 އިން ކުރިހޯދައިގެންނެވެ.
މެޗުގައި ނިއު އިން ވަނީ ފުރަތަމަ ހާފުގައި އެކަނި ވެސް ފަސް ލަނޑު ޖަހާފައެވެ. އެގޮތުން ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ތިންވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް، އަބްދުﷲ ބިލިޓީއެވެ.
މި ހާފުގައި ނިއު އިން ޖެހި އަނެއް ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އަލްހާޖީ ގެރޯ ކާމިޔާބުކޮށްދިން އިރު، ދެން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އާއި ހަސަން ރާއިފް (ހަންނަ) އެވެ.
ދެވަނަ ހާފުގައި ވެސް ނިއުއިން ދެ ލަނޑު ޖެހިއިރު މި ދެ ލަނޑު ވެސް ކާމިޔާބުކޮށްދީ، އަލީ ފާސިރު ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ފާސިރު ވަނީ ކުއާޓަރ ފައިނަލުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން ނިއު 0-4 އިން މޮޅުވިއިރު، އެ މެޗުގައި ވެސް ހެޓްރިކް ހަދާފައެވެ.
މި މޮޅާއެކު ނިއުއިން ފައިނަލުގެ ޖާގައެއް ހޯދިއިރު ފައިނަލުގައި ނިއު ނިކުންނާނީ މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބާއި ޓީސީގެ ކުރިމަތިލުމުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ފައިނަލް މެޗު ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.