ކާމިޔާބީއާއި ނާކާމިޔާބީގައިވެސް އިސްކުރާނީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޚިދުމަތްކޮށްދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ވެރިކަން ހިންގާ ޕީޕަލްސް ނޭޝެނަލް ކޮންގްރެސް، ޕީއެންސީގެ ފަރާތުން ނިމިދިޔަ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި އއ. ރަސްދޫ، ތޮއްޑޫ އަދި އުކުޅުހުން ވާދަކުރި ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޕީއެންސީން ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންތިޚާބީ މަޤާމުތަކަކީ ރައްޔިތުން ޙަވާލުކުރާ އަމާނާތެއްކަމަށާއި އެއީ މަތިވެރި ޒިންމާއެއްކަމަށެވެ. އެހެންކަމުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ޕީއެންސީގެ ފަރާތުން އިންތިޚާބު ވެވަޑައިގެންނެވި މެންބަރުން، މަޤާމުގެ ޒިންމާ އަދާކުރެއްވުމުގައި ތެދުވެރިވެ އަމާނާތްތެރިވެ، ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
"ހަވާލުވެވުނު ޒިންމާ އަދާކުރުމުގައި އިޙްލާސްތެރިވާންޖެހޭނެ. އަމާނާތްތެރިވާންޖެހޭނެ. ތިމަންނާއަށް ވޯޓު ދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކޮށްގެން ނުވާނެ. އެންމެން ހަމަހަމަވާންޖެހޭނެ. ރިވެތި މިސާލު ދައްކަންޖެހޭނެ. އެކުވެރިކަމާއެކުގައި ޒިންމާދާރު މަސައްކަތެއް ހަމަހަމަކަމާއެކީގައި ކުރެވިއްޖެނަމަ ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންގެ ހުރިހާ އިންތިޚާބީ ކެންޑިޑޭޓުން ކުރައްވާނެ އެކަންތައްތައް، ކުރެވިއްޖެނަމަ އިރާދަކުރެއްވިއްޔާ ކާމިޔާބީ އޮންނާނީ ވަރަށް ގާތުގައި." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރާނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ހޮވިގެންދިޔަ ހުރިހާ މެންބަރުންނާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ވަރަށް ގާތުން ކަމަށެވެ. އަދި ސަރުކާރުގެ ހުރިހާވެސް ވިސްނުމަކާއި ޤަބޫލުކުރާ ހަމައަކީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކީ ޚިދުމަތްދިނުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގައި ޕީއެންސީއަށް ގިނަ ގޮނޑިތަކެއް ކާމިޔާބުކުރެވުނު ނަމަވެސް ސިޓީތައް ކާމިޔާބުކުރެވިފައިނުވާކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މަސައްކަތްކުރާނީ ދާއިރާތަކުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
"ހުރިހާ ސިޓީތަކުންވެސް ވަރަށް ބޮޑަށް ނާކާމިޔާބުވެގެންދިޔައީ އަޅުގަނޑުމެން. ހަމައެއާއެކީގައި މުޅިރާއްޖެއިންވެސް ވަރަށް ބޮޑު ނާކާމިޔާބީއެއް ރެފެރެންޑަމް ވޯޓުގައި ލިބިގެންދިޔަ. އެހެންވީމަ ނާކާމިޔާބީވެސް ހިމެނޭ، އަދި ކާމިޔާބީގެ ތެރެއިން ވަރަށް ފޮނި ކާމިޔާބީވެސް ހިމެނޭ އިންތިޚާބެއް ނިމިގެން މިދިޔައީ. އެހެންވީމަ ނާކާމިޔާބީގައިވެސް އަދި ކާމިޔާބީގައިވެސް އަޅުގަނޑުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރުން. މި ދާއިރާގެ ތަރައްޤީއަށްޓަކާ އަޅުގަނޑުވީ ހުރިހާ ވައުދެއް ފުއްދުމަށްޓަކާ އަޅުގަނޑުމެން ދާނީ ވަރަށް ބާރަށް ކުރިއަށް. ހަމަކޮންމެ ރަށެއްގެ ތަރައްޤީވެސް އެގޮތަށް ބާރަށް ކުރިއަށްގެންދާނަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ހުރިހާވެސް އަމާޒަކީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވައިދެއްވާ، ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ. އަދި ކުރިއަށްއޮތްތާނގައިވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެއްވެސް ތަފާތުކުރުމެއްނެތި ޚިދުމަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.